ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރު މައްސަލައެއް ބެލުމަށް މާދަމާ ފުލުހަށް ހާޒިރުކުރާނެ ކަމަށް އަންގައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، މާދަމާ މެންދުރު 2 ޖަހާއިރަށް ފުލުހުންގެ ތަހުގީގަކަށް ރައީސް ޔާމީން މާލޭގެ ފުލުސް އޮފީހަށް ހާޒިރުކުރާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ދާދި ދެންމެއަކު އަންގައިފި ކަމަށެވެ. މީގެ އިތުރުން ފުލުހުން ވަނީ މިކަން މީގެ ދެ ދުވަސް ކުރިން އަންގާފައި ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔަމީންއާ ގުޅޭ ގޮތުން ފުލުހުން ތަހުގީގުކުރަން އުޅޭ ދެ މައްސަލައަކީ ވެސް އެމްއެމްޕީއާރުސީއާ ގުޅުން ހުރި ދެ މައްސަލައެއް ކަމަށް ޖަމީލު ވިދާޅުވިއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ބޮޑު ކަމުގެ ވާހަކަތައް ދެކެވެމުން ދާއިރު އެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީން ގެންގޮސްގެން ތަހުގީގު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ޖަމީލު ވިދާޅުވިއެވެ.

"ކޮބައިތޯ އަދީބު، ކޮބައިތޯ ޒިޔަރު، އަދި ކޮބައިތޯ ކާށިދޫ ދައިރާގެ މެންބަރު ވިދާޅުވި އިބްރާހިމް މުހައްމަދު ސޯލިހްގެ ވާހަކަ، ކޮބައިތޯ މަޖިލިސް މެންބަރުންތައް، މިހުރިހާ ބޭބޭފުޅުންގެ ތަހުގީގު ހިނގަން ޖެހޭނެ ނޫންތޯ. އެކަމު ނުހިނގާ ނޫންތޯ."
ޑރ. މުހައްމަދު ޖަމީލު އަހުމަދު

މި މައްސަލައިގައި ހިމެނޭ ދެފަރާތް ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްސަލަ ނުބަލާ އަދިވެސް ރައީސް ޔާމީންގެ މައްސަލަ ބަލަމުން ގެންދަތީ ޖަމީލު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން އެމްއެމްޕީއާރްސީ ހިޔާނާތުގައި މަޖިލިސް މެންބަރުންތަކެއް ވެސް ހިމެނޭ ކަމަށާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮރަޕްޝަންގެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި ކަމަށް ޖަމީލު ވިދާޅުވިއެވެ. އެހެންކަމުން ޖަމީލު ވިދާޅުވީ އެ ބޭފުޅުންގެ ތަހުގީގުވެސް ހިންގަންޖެހޭނެ ކަމަށެވެ.

ރައީސް ސޯލިހަށް ތުހުމަތު ކުރައްވައި ޑީއާރުޕީގެ ލީޑަރު ޖާބިރު ވާހަކަތައް ދައްކަވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ބަޖެޓުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. ޖާބިރު އެދުވަހު ވަނީ، ރައީސް ސޯލިހާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް ވައްކަމުގެ ތުހުމަތު ކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހާއި ޝާހިދު އަދި އަމީރު މަގާމު ހޯއްދެވީ ރިޝްވަތު ދެއްވައިގެން ކަމަށް ވިދާޅުވެ ޖާބިރު ވަނީ ރައީސް ސޯލިހަކީ ރިޝްވަތުގެ ދާއިރާއިން ޕީއެޗްޑީ ނަންގަވައިގެން ހުންނެވި ބޭފުޅެއް ކަމަށާއި، ރައީސް ސޯލިހް މަޖިލީހަށާއި، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުއްވާ ކަމަށް ވިދާޅުވެ ތުހުމަތުތައް ކުރައްވާފައެވެ

ރައީސް ޔަމީން މިހާރު ގެންދަވަނީ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލީ؛ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އަމިލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލެއްވުމުގެ ތުހުމަތުވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައެވެ.