އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލް އިންތިހާބުގައި ރިސޯޓުތަކުގެ ތެރެއިން ވޯޓުލުން ކުރިއަށް ދާނީ ހަމަ އެކަނި "ކްލަބް މެޑް ފިނޮޅު" ރިސޯޓުގައި އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަނުން ބުނީ ވޯޓުފޮށި ބެހެއްޓުމަށް ފުރުސްތު ހުޅުވާލި 53 ރިސޯޓުގެ ތެރެއިން ވޯޓުފޮށި ބަހައްޓަން ކަނޑައެޅި އަދަދަށް މިހާތަނަށް ރަޖިސްޓާ ކޮށްފައި ވަނީ އެންމެ ރިސޯޓަކުން ކަމަށެވެ.

ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓޭނީ 27 ވަނަ ދުވަހުގެ ނިޔަލަށް 50 މީހުން އެ ރިސޯޓެއްގައި ރަޖިސްޓާ ވެފައި ވާނަމަ ކަމަށްވެސް އިލެކްޝަނުން ބުނެއެވެ.

ރިސޯޓުތަކުން ކައުންސިލް އިންތިހާބުގައި ބައިވެރި ވުމަށް ރަޖިސްޓާ ނުކުރުމަކީ ރިސޯޓުތަކުން އަންނަ އިންތިހާބަށް އެއްބާރުލުން ނުދޭނެ ކަމުގެ ހެއްކެއް ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

އޭޕްރިލް މަހުގެ ހަތަރެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު އިންތިހާބެވެ. އަދި އެ އިންތިހާބުގައި ދެ އިންތިހާބެއް ކުރިއަށްދާނެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން ހޮވުމުގެ އިންތިހާބެވެ.

މީގެ ކުރިން އިލެކްޝަނުން ބޭއްވި ބައްދަލުވުމެއްގައި އަކްރަމް ވިދާޅުވެފައި ވަނީ މިއަހަރުގެ އިންތިހާބުގައި 6،000 ކެންޑިޑޭޓުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަދި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީ ވަނީ ބާއްވާފައެވެ.