ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ހުޅުމާލޭގައި ބިނާ ކުރަމުން އަންނަ 4000 ފްލެޓްގެ ތެރެއިން 1000 ފްލެޓްގެ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭ ނިންމާލެވޭނެ ކަމަށާއި އެއާއެކު އެގްރިމަންޓް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއްތަލިބް ވަނީ ފްލެޓްތަކުގެ މަސައްކަތް ގޮސްފަިއވާ ހިސާބު ހާމަކުރައްވާފައެވެ. މުއްތަލިބް ވިދާޅުވީ، މިހާރު 1000 ފްލެޓްގެ އަމަލީ މަސައްކަތް ނިމިފަިއވާ ކަމަށާއި، މިހާރު ކުރަމުންދާ މަސައްކަތަކީ އެ ފްލެޓްތަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް ކަމަށް މުއްތަލިބް ވިދާޅުވިއެވެ. ޖުލައި މަސް ތެރޭގައި އަމަލީ މަސައްކަތް ނިމިފައިވާ 1000 ފްލެޓަށް ބޭނުންވާ ހިދުމަތްތައް ލިބިގެން ދާނެ ކަމަށާއި އެއާއެކު ނިމިފައިވާ ފްލެޓްތައް ފްލެޓް ލިބިފައި މީހުންނަށް އިސްކަން ދީގެން އެގްރީމަންޓް ހެދުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް އިތުރު 1000 ފްލެޓްގެ މަސައްކަތް ނިންމައި އަދި އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރު 2000 ފްލެޓާއެކު ޖުމްލަ 4000 ފްލެޓްގެ އަމަލީ މަސައްކަތް ނިންމާލުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އަދި ފްލެޓްތައް ނިމެމުން ދާ ވަރަކުން ފްލެތްތަކުގެ ހައްގުވެރިންނަށް ފްލެޓް ދީ ބޯހިޔާވަހިކަން ފޯރުކޮށް ދޭނެ ކަަމަށް މުއްތަލިބް ވިދާޅުވިއެވެ.
ޖުލައި މަހުގެ ތެރޭގައި 1000 ފްލެޓުގެ އެގްރިމަންޓް މަރުހަލާ ފެށޭ ވަރު ވާނެ ކަމަށް މިނސްޓަރު ވިދާޅުވެފައިވާ އިރު، ގެދޮރުވެރިޔާ ސްކީމްގައި ފްލެޓް ދޭނީ ކުރީ ސަރުކާރުން އާންމު ކުރި ފްލެޓް ލިސްޓާ އެއްގޮތަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ ލިސްޓާ އެއްގޮތަށް ފްލެޓް ދޭން ނިންމި ކަމުގައި ވީ ނަމަވެސް ޝަރުތު ހަމަވޭތޯ ބަލައި ޝަރުތު ހަމަނުވާ ފަރާތްތަކަށް އެކަން އަންގާނެ ކަމަށް މުއތްަލިބު ވަނީ ވިދާޅުވެފައެވެ.
އެ ފްލެޓް ލިސްޓުގައި ހުރި މައްސަލަތަކަށް ބަލާއިރު، ބައިވެރިޔާއަށް ިންވެރިޔާ ސްކީމުން ގޯތިލިބިފައި ހުރި ކަމަށާއި، ދެމަފިރިންނަށް ފްލެޓް ލިބިފައި ހުރި ކަމަށާއި އަދި މާލެއިން ބިމާއި ފްލެޓް ލިބިފައިވާ ފަރާތްތަކަށް ވެސް ފްލެތް ލިބިފައިވާ ކަަމަށް މުއްތަލިބް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ސައްހަ ނޫން ލިޔެކިޔުން ހުށަހަަޅާފައިވާ ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.