މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޑޮކްޓަރަށް ދެއްކުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ރައީސް ޔާމީން މާލެ ގެނައީ ހިތުގެ ޑޮކްޓަރަކަށް ދައްކަން ވެގެންނެވެ. އަދި އެމަނިކުފާނުގެ ޓެސްޓުތައްވެސް ވަނީ ހޮސްޕިޓަލުން ހަދާފައެވެ. ރައީސް ޔާމީން ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށްޓަކައި އައިޖީއެމްޗަށް ގެނައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެނގިފައިވާގޮތުގައި، ރައީސް ޔާމީންގެ ޓެސްޓްތައް ހެދުމަށްފަހު އިއްޔެވަނީ އަނބުރާ ޖަލަށް ގެންގޮސްފައި ކަމަށެވެ.
ރައީސް ޔާމީނަކީ "ކާޑިއެކް އެނަލިޔާ" އަށް ބޭސްފަރުވާ ކުރަމުންދާ ބޭފުޅެއް ކަމަށާއި، މައިބަދާއިގެ މައްސަލައެއް ހުރުމުގެ އިތުރުން ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކެއް ވެފައިވާ ބޭފުޅެކެވެ. މިކަން ރައީސް ޔާމީނު ހާމަކުރައްވާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައެވެ.
އެމަނިކުފާނު ވިދާޅުވެފައި ވަނީ ބޭސް ކުރުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށާއި ސްޓްރެސްފުލް މާހައުލުތަކާ ދުރުގައި ހުންނެވުމަށާއި އަދި ސިއްހީ އެހީތެރިކަން ލިބިވަޑައިގަންނަވާ ތަނެއްގައި ހުންނެވުމަށް ވެސް ޑޮކްޓަރު ލަފާ ދީފައިވާ ކަމަށެވެ. ރައީސް ޔާމީނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައި ވަނީ، ޔާމީން ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ގޮޅިއަކީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ގޮޅިއެއް ނޫންކަމަށާއި އެމަނިކުފާނު ގެކޮޅުގައި ބަހައްޓައިގެން ޝަރީއަތުގެ އިސްތިއުނާފުގެ މަރުހަލާ ނިމޭނެ ގޮތަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހަަމައެއާއެކު ސިޔާސީ ބައެއް ބޭފުޅުން ގޭގައި ބައިތިއްބާފައި އެބަ ހުރި ކަމަށް ޖަމީލު ފާހަގަ ކުރެއްވިއެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ހުކުމް ތަންފީޒު ކުރުން ލަސް ކުރެވެން ނެތް ކަމަށާއި، އަދި ބެއިލް ދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފައި ވަނީ މިމަހު ހަ ވަނަ ދުވަހެވެ. ރައީސް ޔާމީނަށް މަނީ ލޯންޑާކުރި ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން 5 ފަނޑިޔާރުންގެ ބެންޗަކުން 5 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ. އަދި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެފައިސާ ދެއްކުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.