މާލޭގެ ގެސްޓު ހައުސްއަކަށް ސިފައިންގެ މީހަކު ކުޑަ ކުއްޖަކު ގޮވައިގެން ގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރަން އުޅެނިކޮށް ފުލުހުން ހައްޔަރުކުރި ވާހަކަ އެމްއެންޑީއެފުން ދޮގުކޮށްފިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ސިފައިންގެ މީހަކު މާލޭގެ ގެސްޓު ހައުސްއަކަށް ކުޑަކުއްޖަކު ގެންގޮސް އެކުއްޖާއަށް ޖިންސީ ގޯނާ ކުރަން އުޅެނިކޮށް ފުލުހުން ހައްޔަރުކުރި ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކަކީ ދޮގު ވާހަކައެއް ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަމެއް ހިނގި ކަމަށް ފުލުހުންގެ ފަރާތުން އެމްއެންޑީއެފްއަށް އަންގާފައިވެސް ނުވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެއް މިފަހަކުން އިތުރުވެފައިވާއިރު މިފަދަ އަމަލުތަކުގައި ތަފާތު އެކި މަގާމުތަކުގައި ތިބޭ ފަރާތްތަކަށްވެސް ތުހުމަތުތައް އަންނަނީ ކުރެވެމުންނެވެ. ބައެއް ފަރާތްތަކަށް ކުރެވެމުން އަންނަނީ މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ދޫކުރުމަށް އަމުރު ކުރާ ކަމުގެ ތުހުމަތުތަކެވެ. އަދި ބައެއް ފަރާތްތަކަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތުތައް ކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމެޓީގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވެސް ވަނީ 15 އަހަރުގެ ކުއްޖަކު ސިފައިންގެ ދެ މީހަކު ވެގެން ރޭޕްކުރި ކަމުގެ ތުހުމަތު މީގެކުރިން ކޮށްފައެވެ. އެހެންނަމަވެސް އެމްއެންޑީއެފްއިން ބުނީ އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.