މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިބި ލީޑަރުން ދޫކޮށްލާފައި މުޅިން އާ މިސްރާބަކަށް ދާންވެއްޖެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ، މިހާރު ސިޔާސީ މައިދާނުގައި އުޅޭ ސިޔާސީ ލީޑަރުންތަކުގެ ތެރެއިން އަންނަ ރިޔާސީ އިންތިހާބަށް މީހަކު ހޮވައިފި ނަމަ ކުރިއަށް އޮތް ތަނުގައިވެސް ފެނިގެން ދާނީ އެއް ނަތީޖާއެއް ކަމަށެވެ. އަދި ވާނީ އެއްގޮތެއް ކަމަށެވެ. އެހެންކަމުން ދެން މި ރާއްޖޭގެ މިސްރާބު މުޅިން ބަދަލުކުރަން ޖެހިއްޖެ ކަމަށް އުމަރު ފާހަގަކުރެއްވިއެވެ.
އާ ސިޔާސީ ލީޑަރެއް ހޮވައިގެން ނޫނީ ރާއްޖެއަށް ސީޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުން އަދި އިޖްތިމާއީ ގޮތުން ކުރިއެރުމެއް ދެން ނުހޯދޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.
މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިބި ލީޑަރުން ހޮވައިގެން ރާއްޖެއަށް ކުރިއެރުމެއް ނުލިބޭނެ ކަމަށް އުމަރު ވިދާޅުވެފައި މިވަނީ، އާ ސީޕްލޭން ޓާމިނަލް މައްސަލައިގައި ފެންމަތިވަމުން އަންނަ އެކި ވާހަކަތަކާއި ސަރުކާރުގެ ނުފޫޒު މިކަމުގެ ތެރޭގައި އޮތްކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
އުމަރު ވިދާޅުވީ، ޓީއެމްއޭގެ މައްސަލަ ސަރުކާރުން ނިންމި ގޮތާއި ސަރުކާރާ ގުޅުންހުރި ކުންފުނިތަކަށް ދެމުންދާ ފައިސާގެ ބޮޑެތި ބަދަލުތަކުން އެމްޑީޕީ ސަރުކާރަކީ ކުރީ ސަރުކާރަށްވުރެ ކޮރަޕްޓް ސަރުކާރެއްކަން މިހާރު ޔަގީންވެވަޑައިގެންފައިވާ ކަމަށެވެ.
ވެރިކަން ލިބުމުން ކޮންމެ ބަޔަކުވެސް މިސްރާބު ގެއްލި ވައުދުތައްމަތިން ހަނދާން ނެތޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި މިހާރު މި ސަރުކާރުގައި ހިނގަމުންދާ ކަންތައްތަކުގެ ނަތީޖާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފެނިގެން ދާނެކަމަށް އުމަރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީނަށް ވަނީ މަނީ ލޯންޑަރިންގެ ތުހުމަތުގައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މިހާރު އެމަނިކުފާނު ދަނީ އެ ހުކުމް ތަންފީޒު ކުރައްވަމުންނެވެ.
މި ސަރުކާރު ފެށިގެން އައިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކަށް ހިތްވަރު ނުދެއްވާނެ ކަމަށާއި އެފަދަ ކަންކަން ތަހުގީގުކޮށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
އާ ސީޕްލޭން ޓާމިނަލްގެ މައްސަލަ ފެންމަތިވެފައި ވާއިރު މީގެ އިތުރުން ދައުލަތުން ބަދަލުދޭން ޖެހޭ ކަންތައްތަކެއް މިސަރުކާރުގެ ތެރެއިން ވަނީ އައިސްފައެވެ. އޭގެތެރޭގައި އެމްޑަބްލިއުއެސްސީގެ ޗެއާމަން މައުސޫމުގެ ހިއްސާ އޮންނަ ކުންފުންޏަކަށް 22 މިލިއަން ރުފިޔާއާއި، އެމްޑީޕީގެ ލީޑާޝިޕުގެ އިސް ބައެއް ފަރާތްތަކާ ގާތް ގުޅުން އޮންނަ ދީބާޖާއަށް 348 މިލިއަން ރުފިޔާއާއި، ބިގް ކުންފުންޏަށް 78 މިލިއަން ރުފިޔާގެ ބަދަލު ދިނުން ހިމެނެއެވެ. މީގެ އިތުރުން ނޫމަޑި އެންޑް ރިސޯޓްސްއަށް ދައުލަތުން ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިން މައްސަލައާއި ފުށިދިއްގަރު ފަޅުގެ މައްސަަލައިގައި 2 ބިލިއަން ރުފިޔާގެ ބަދަލަކަށް އެދިފައިވާ މައްސަލަ ހިމެނެއެވެ. އަދި ސީލައިފް ކުންފުނިން ގަތުމަށް ފައިސާދެއްކި މީހުންގެ ތެރެއިން ބަދަލު ހޯދުމަށް ހުޅުވާލި ފުރުސަތުގައި ސިވިލް ކޯޓުގެ ގަޒިއްޔާގައި ހިމެނިފައި ނުވާ 189 ފަރާތަކުން ބަދަލު ހޯދުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
ކުރީގެ ސަރުކާރުތަކުން ބޭއިންސާފުން އެކި ފަރާތްތަކާ މެދު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، އިންސާފު ހޯދުމަށް އެކި ފަރާތްތަކުން އެދެމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ ހުރިހާ ކަމަކަށް ބަލާފައި މިއަހަރުގެ ބަޖެޓްގައި ބަދަލުގެ ގޮތުގައި ދޭން 100 މިލިއަނެއްހާ ރުފިޔާ ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. އަދި ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ބަޖެޓުގައި ޖަހައިގެން ނޫނީ ދީފައި ނުވާނެ ކަމަށާއި އެކަން ކޮންމެ ހަފްތާއަކު އެއްފަހަރު ފިނޭންސުން ނެރޭ ތަފާސް ހިސާބުންވެސް ފެންނަން އޮންނާނެ ކަމަށް އަމީރު ވިދާޅުވެފައި ވެއެވެ.