މެދު ރާއްޖެތެރޭ ރަށެއްގައި 15 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފައި ވަނީ މިއަދު މެންދުރު 12:45 ގައި ކަމަށެވެ. އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްފައިވާ މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބޮޑު ތަހުގީގު ޓީމެއް ވަނީ އެރަށަށް ގޮސްފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނަ ކުރުމާއި ކުޑަކުދިން ރޭޕް ކުރުމުގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު މިވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން، މިިދޔަ ޖެނުއަރީ މަސްތެރޭގައި ވަނީ 14 އަހަރުގެ ދެކުދިން ރޭޕް ކުރި ދެ މައްސަލައެއް ފުލުހަށް ރިޕޯޓްކޮށްފައެވެ.

މިފަދަ މައްސަލަތައް ރިޕޯޓް ކުރުން ގިނަވެފައި މިވަނީ އުމުރުން އެންމެ ދެއަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލަ ހޫނުވުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ތުހުމަތުގައި އެ ކުއްޖާގެ ކާފަ އަދި މުނި ކާފަވަނީ ހައްޔަރުކޮށްފައެވެ. އަދި ކުއްޖާގެ ބައްޕަވަނީ އިހުމާލުވުމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައެވެ.