ރާއްޖޭގެ ޝަރުއީ ދާއިރާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް މި ސަރުކާރުން މަގާމުން ވަކި ކުރި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހަމްދު އަބްދުﷲ ދީދީ މިހެން ވިދާޅުވެފައި ވަނީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ އިހުލާސްތެރި ނިޔަތެއްގައި ކަމަށާއި، ސަރުކާރުގެ އެއްވެސް ނުފޫޒެއް އެ ދާއިރާ އަށް ނޯންނާނެ ކަމަށް ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމުން އެކަމަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހަމްދަ އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޝަރުއީ ދާއިރާއަށް ރައީސް އިބްރާހީމް މުހައްމަދް ސޯލިހްގެ ވެރިކަމުގައި ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށާއި، މި ސަރުކާރުން އަބަދުވެސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށެވެ.

ޝަރުއީ ދާއިރާގެ ގަޟާއީ އަހަރު އިފްތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ފަނޑިޔާރުންނަށް ގާނޫނުއަސާސީން ހާއްސަ އިމްތިޔާޒްތަކެއް ދީފައި ވަނީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނެތި އިންސާފު ގާއިމް ކުރަން ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ނިޒާމަށް ގެނައި ބަދަލާ އެކު، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ކުރަނީ އިހުލާސްތެރި ނިޔަތެއްގައި ކަމަށާއި އެއީ ރައްޔިތުންގެ ކިތަންމެ ކުޑަ ހައްގެއް ނިގުޅައިގަތަސް، އެ ހައްގެއް ކޯޓުތަކުން އަނބުރާ ހޯދައިދޭނެ ކަމުގެ ޔަގީންކަން ހޯދައި ދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާ އަށް ނޯންނާނެ އެވެ. އެ މަނިކުފާނު ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހު ކުރަން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި އެކަމަކު އިތުރަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ވެސް ހިމެނޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ބިލްތައް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލު އެބަހުރި ކަމަށް ރައީސް ވިދާޅުވިއިރު މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްފައިވަނީ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދިނުމަށްފަހުއެވެ.