ފިއްތުންތަކާ ހުރެ ޑރ. ބިލާލް ފިލިޕް ރާއްޖެ ގެނައުން މަޑުޖައްސާލައިފިއެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އުފެދެމުންދާ ސުވާލުތަކާއި އަދި ކަންބޮޑުވުނަތަކާ ގުޅިގެން ކަމާ ގުޅޭ އިތުރު ބައެއްގެ ލަފާ ހޯއްދެވުމަށް ޑރ. ބިލާލް ޕިލިޕްސް ރާއްޖެ ގެނައުން މަޑުޖައްސާލައްވާ އެ އިވެންޓް ފަސްކުރައްވައިފައިވާ ކަމަށެވެ.

ޑރ. ޕިލިޕްސް ރާއްޖެ ގެންނަން ނިންމަވާފައި ވާކަން އިއުލާނު ކުރައްވާފައި ވަނީވެސް މިއަދެވެ. ޑރ. ބިލާލް ފިލިޕްސްއަށް ދައުވަތު ދެއްވީ، ޒުވާނުނަށް ޓޮލެރެންސްގެ އިތުރުން ސުލްހަ މަސަލަސްކަމާ ބެހޭގޮތުން ދަރުސް ދެއްވުމަށް ކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

އެކަން އިއުލާން ކުރެއްވުމާއެކު ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ދީނީ އިލްމުވެރިއާ ޑރ. ބިލާލް ފިލިޕްސްއަކީ އިސްލާމީ ގިނަ ގައުމުތަކުން ބަލައިގަންނަ ބޭފުޅެއް ނޫން ކަމަށާއި ރާއްޖެ ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެ ކުރެއްވި ޓްވީޓަށް ރައްދު ދެއްވާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެފައި ވަނީ ދީނީ ނަސޭހަތް ރަނގަޅުގޮތުގައި ދެއްވާ ބޭފުޅުންނާއި އެ ނޫން ބޭފުޅުން ނަޝީދަށް ވަކިކުރައްވަން އެނގިވަޑައިނުގަންނަވާނެ ކަމަށާއި އެނގިވަޑައިނުގަންނަވާ ވާހަކަތަށް ނުދައްކަވާ ހުންނެވުމުން ފަތަށްވެސް ލުއިވާނެ ކަމަށެވެ.

އަދި ރައީސް ނަޝީދަށް ރައްދުދެއްވާ ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސެއިން ވިދާޅުވެފައި ވަނީ ދީނީ އިލްމުވެރިންގެ ބޮލުގައި ތުހުމަތު އެޅުވުމަކީ ހިތުގައި ދީނާމެދު ނަފްރަތު ވާކަމުގެ ހެއްކެއް ކަމަށާއި އެމީހަކަށް ނޭނގޭ ކަންކަމުގެ ވާހަކަ ދައްކައިފިނަމަ ﷲ ގެ ހަޒްރަތުގައި ސުވާލު ކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ އިތުރުން ދަރުސް ދިނުމަށް ބިލާލް ގެނައުމާ ދެކޮޅު ހައްދަވާ، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

އީވާ ވިދާޅުވެފައި ވަނީ ރާއްޖެއަށް އެފަަދަ ދަރުހެއް މުހިންމު ކަމަށާއި ނަމަވެސް ބިލާލްއަކީ އެކަން ކުރަން ރަނގަޅު ބޭފުޅެއް ނޫން ކަމަށެވެ. އަދި އޭނާއަކީ ހަރުކަށި ފިކުރު ފަތުރާ، އަންހެނުންނަށް އަނިޔާ ކުރުމަށް ހިތްވަރުދީ، ޑިމަކްރަސީއާ އިދިކޮޅު މީހެއް ކަމަށާއި އޭނާ ގެނައުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އީވާ އެދިވަޑައިގެންފައިވެއެވެ. ބިލާލް ގެނައުމާ ދެކޮޅު ހައްދަވަމުން އިންތި ވިދާޅުވީ، އެ މައުޟޫއަށް ދަރުސް ދިނުމަށް ބިލާލްއަކީ ރަނގަޅު އިލްމުވެރިއެއް ނޫން ކަމަށެވެ.

މީގެ ކުރިންވެސް ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެން ދަރުސް ދެއްވާފައިވެއެވެ. އެންމެ ފަހުން އޭނާ ރާއްޖެ ވަޑައިގެންފައި ވަނީ 2017 ގައެވެ.