އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އަކީ ސިޔާސީ ހަތިޔާރަކަށް ނުހެދުމަށް އައްޑޫ ޑިވެލޮޕްމަންޓު ކޮމެޓީގެ ނާއިބު ރައީސް އަހުމަދު ޝަރީފު ގޮވާލައްވައިފިއެވެ.

އައްޑޫ އެއާޕޯޓުގައި އޮތް ސަރުކާރު ކުންފުނި، އެސްޓީއޯގެ ހިއްސާ އެކުންފުނިން ދޫކޮށްލުމުން ޝަރީފް ވިދާޅުވީ އެސްޓީއޯއިން ދޫކޮށްލި އައްޑޫ އެއާޕޯޓުގެ ހިއްސާ އައްޑޫގެ ރައްޔިތުންނަށް ވިއްކަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެ އެއާޕޯޓު ހިންގާ ކުންފުނީގެ އިސް ފަރާތްތަކަކީ އެއާޕޯޓު ހިންގޭނެ ގާބިލް ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށެވެ.

"އައްޑޫ ގަން އެއާޕޯޓު ސިޔާސީ ހަތިޔާރަކަށް ހަދައިގެން ނުވާނެ،" ޝަރީފް ވިދާޅުވިއެވެ.

އެސްޓީއޯއިން ބުނީ 2011 ގައި އުފެއްދި އޭއައިއޭގައި އޮތީ މޫނުމަތީ އަގުގެ 1,000.00ރ. ގެ 40000 އާންމު ހިއްސާ ކަމަށެވެ. އެހެންކަމުން އެސްޓީއޯއިން ނިންމާފައިވަނީ އެކުންފުނީގެ ހިއްސާ މައި ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރުގެ ނަމަށް ބަދަލު ކުރުމަށެވެ.

އެސްޓީއޯއިން ބުނީ ހިއްސާ ބަދަލުކުރަނީ އެ ކުންފުނީގެ ހިސާބުތަކުގައި ހުރި ހިއްސާތައް އަގުކުރެވިފައިވާ އަގަށް ކަމަށެވެ. އޭއައިއޭ އަކީ ސަރުކާރާއި އެސްޓީއޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފުގެ ކުންފުނި ކާސާ ހޯލްޑިން ހިއްސާވެގެން އުފެއްދި ކުންފުންޏެކެވެ.

މި ކުންފުނީގައި ދިވެހި ސަރުކާރުގެ ހިއްސާ އޮންނަނީ 50 ޕަސެންޓެވެ. ކާސާ ހޯލްޑިންގްސް އަށް 30 ޕަސެންޓް، އެމްއޭސީއެލަށް 10 ޕަސެންޓް އަދި އެސްޓީއޯ އަށް ވެސް އޮންނަނީ 10 ޕަސެންޓް ހިއްސާ އެކެވެ.