އިންޓަނެޓް އަގުހެޔޮ ކުރެވޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭގައި ކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިފަދައިން ވިދާޅުވީ، އިންޓަނެޓުގެ އަގުހެޔޮކުރުމުގެ މަސައްކަތް ތަންފީޒު ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ 2022 ވަނަ އަހަރު ކަމަށް، ރައީސް އޮފީހުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް އެންގުމާއި ގުޅިގެންނެވެ.

ނިހާން ވިދާޅުވީ، 2022 އަހަރު އިންޓަނެޓް އަގުހެޔޮ ކުރުމުގެ ނިންމުން ނިންމައިގެން 2023ގެ ވޯޓަށް އަސަރުކުރާނޭ ކަމަށް ހީކުރުމަކީ ކުށް ހީއެއް ކަމަށެވެ.

ރައީސް އޮފީހުން މިނިސްޓަރަށް މިހެން އަންގާފައި ވަނީ އިންޓަނެޓް އަގުހެޔޮ ކުރުމަށް މިނިސްޓްރީއިން ކުރަން ޖެހޭ މަސައްކަތް ނިންމައި، މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެ މިނިސްޓްރީން ސަރުކާރުގެ ޕޮލިސީ އޮފީހަށް ފޮނުވާފައިވާ ޕްރޮޕޯސަލްއަށް ޖަވާބުދީ ފޮނުވި ސިޓީގައި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ރައީސް އޮފީހުން ތެކް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނީ، އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައިވާ ޓައިމްލައިންއާ އެއްގޮތަށް މަސައްކަތް ކުރުމަށެވެ. އެގޮތުން އިންޓަނެޓުގެ އަގުހެޔޮކުރުމުގެ މަސައްކަތް ތަންފީޒު ކުރުމަށް އެ ޕްލޭނުގައި ބަލާފައި ވަނީ 2022 ވަނަ އަހަރުގެ ތެރޭގައި ކަމަށްވާތީ، އެ އަމާޒަށް ވާސިލްވެވޭނެ ގޮތަށް، އެންމެ އެކަށޭނަ، ވަށާޖެހޭ ހައްލުތަކެއް ހޯދައި ހުށަހެޅުމަށް ޓެކް މިނިސްޓްރީއަށް އަންގާފައިވެއެވެ.

އިންޓަނެޓުގެ އަގުހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ. ނަމަވެސް މި ސަރުކާރަށް އަހަރަކާއި 3 މަސް ވެގެން ދިޔައިރު ވެސް އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް ގެނެވިފައެއް ނުވެއެވެ.