ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން މިއަހަރު 27 ކުދިން ގްރެޖްއޭޓް ވެއްޖެއެވެ.

ދިރާގުން ބުނީ ޒުވާނުން މަސައްކަތުގެ ވެއްޓަށް އަހުލުވެރިކުރުވައި ފަންނީ ހުނަރު ދަސްކޮށްދިނުމުގެ މަގްސަދުގައި ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން އެކުންފުނިން ހިންގާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 11 ވަނަ ބުރުގައި ހޮވުނު 17 ކުދިންނަށް ރަސްމީކޮށް މަރުހަބާ ކިޔުމުގެ އިތުރުން ވޭތުވެދިޔަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިމުނު 27 ކުދިންގެ ދަނެވެނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު މިއަދު ހޮޓެލް ޖެންގައި ބާއްވައިފައިވާ ކަމަށެވެ.

އެ ޕްރޮގްރާމްގައި މިހާތަނަށް ޖުމްލަ 214 ކުދިން ބައިވެރިވެފައި ވާއިރު، އެ ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބު ކަމާއެކީ އަދާކުރަމުން އަންނަ ޒުވާނުން ކަމަށްވެސް ދިރާގުން ބުނެއެވެ. އަދި އެއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ކާމިޔާބުކަން ރަމްޒުކޮށްދޭ އެއް ހެކި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެ ޕްރޮގްރާމް މެދުވެރިކޮށް، ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުމަށް ހާއްސް ޓްރެއިނިން ޕްރޮގްރާމް ތައް ކުރިއަށް ގެންދެއެވެ.

އެ ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. އެގޮތުން އޭލެވެލް ނިންމާފައިވާ ދަރިވަރުންނަށް، އެ ޕްރޮގްރާމް މެދުވެރިކޮށް ޓްރެއިނިން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސްތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެންދާ ކަމަށްވެސް ދިރާގުން ބުނެއެވެ.

އެ ޕްރޮގްރާމްތެރޭގައި ހިމެނޭ ރަސްމީ ކޯސްތަކާއި ޓްރެއިނިން ތަކުގެ ތެރޭގައި ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންއެވެ.

އޭގެ ތެރޭގައި:

  1. އެތިކްސް
  2. ޓައިމް މެނޭޖްމަންޓް
  3. ކޮމިއުނިކޭޝަންސް ސްކިލްސް
  4. ވަޒީފާ ތަކަށް ކުރިމަތިލާން ފަސޭހަވާނޭ ގޮތަށް ރަނގަޅު ސީވީއެއް ތައްޔާރުކުރުން
  5. ޖޮބް އިންޓަވިއު ސްކިލްސް

އެ ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސްތު އޮތީ ހަމައެކަނި މާލޭގައި ތިބި ޒުވާނުންނަކަށް ނޫން ކަމަށާއި މާލޭގެ އިތުރުން ރާއްޖޭގެ އަށް ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި އެ ޕްރޮގްރާމް ކުރިއަށް ދާ ކަމަށްވެސް ދިރާގުން ބުނެއެވެ.

އެހެންކަމުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ހުރެގެން އެ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި އެ ޒުވާނުންނަށް ހިފޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ..

އެ ޕްރޮގްރާމްގައި ދިރާގުގެ ވަރަށް ގިނަ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސްތު ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

އޭގެ ތެރޭގާ:

  1. ސޭލްސް
  2. މާކެޓިންގް
  3. ޕްރޮކިއުމަންޓް އެންޑް ޕްރޮޕަޓީ މެނޭޖްމެންޓް
  4. ހިރުމަން ރިސޯސަސް،ފައިނޭންސް
  5. އިންފޮމޭޝަން ސިސްޓަމްސް
  6. ނެޓްވޯކްސް
  7. ކަސްޓަމަރ ސޮލިއުޝަންސް ޑިޕާޓްމަންޓް

މީގެ އިތުރުން ބައިވެރިވާ ކުދިންނަށް އެންމެ ފުރިހަމަ ގޮތުގައި އެހީތެރިވުމުގެ ގޮތުން ކޮންމެ ކުއްޖަކަށް ދިރާގުގެ ފަރާތުން މެންޓޯ އެއް ކަނޑައެޅިފައިވާނެ ކަމަސްވެސް ދިރާގުން ބުނެއެވެ.

ދިރާގުގެ ޝިއާރަކީ ޑިޖިޓަލް ހިދުމަތާއި މުވާސާލާތުގެ ހިދުމަތްތައް ބޭނުންކޮށްގެން ދިވެހި މުޖްތަމައަށް ފަހި މުސްތަގްބަލެއް ކަށަވަރުކުރުމެވެ. އެ މޭރުމުން އެކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުސަތުތައް ފަހިކޮށް ދިނުން ކަމަށް ދިރާގުން ބުނެއެވެ.

2009 ގައި އަލަށް ތައާރަފްކުރި ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާތާ މިއީ 11 ވަނަ އަހަރެވެ. މަސައްކަތުގެ އެކިކަންކަމާއި ފަންނީ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދިރާގުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ހޮވޭ ކުދިންނަށް ހުޅުވާލައެވެ.