ނޭޝަނަލް އެންޓި ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމެޓީގެ މަސައްކަތްތައް އެކަށީގެންވާ ގޮތުގައި ކުރިއަށް ނުދާތާ ދެ އަހަރު ވެފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިސްލާހްގެނެއުމުގެ ބިލް ދިރާސާކުރުމަށް މަޖިލީހުގެ ސަބް ކޮމިޓީން ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީން ބުނީ ކޮމެޓީގެ މަސައްކަތް ކުރިޔަށް ނުދާ ކަމަށްވާ ނަމަ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރޭ "ޓްރެފިކިން އިން ޕާސަންސް ރިޕޯޓް" ގައި "ޓިއާ 2" ވޮޗް ލިސްޓުގައި ރާއްޖެ އޮތްއިރު "ޓިއާ 3" އަށް ވެއްޓުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެ މިނިސްޓްރީން ބުނީ ވޮޗު 2 ލިސްޓުން ރާއްޖެ ވެއްޓިއްޖެ ނަމަ އެމެރިކާ ސަރުކާރުން ރާއްޖެއަށްދޭ "ނޮން ހިއުމެނިޓޭރިއަން އެއިޑް"ގެ ގިނަ އެހީތައް ކެނޑިގެންދާނެ ކަމަށެވެ.
މީގެ އިތުރަށް ޑިފެންސް މިނިސްޓްރީން ވަނީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިސްލާހު ކުރާއިރު، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް "ސްމަގްލިންގ"ގެ ބާބެއް އިތުރުކޮށް މީހުން ޓްރެފިކް ކުރުމުގެ ގާނޫނަށް ސްމަގްލިންގެ ނަންވެސް އިތުރު ކޮށްދިނުމަށް އެދިފައެވެ. އެގޮތަށް އެ މިނިސްޓްރީން ހުށަހެޅި މައިގަނޑު ސަބަބަކީ ހިއުމަން ޓްރެފިކިން އާއި ސްމަގްލިންގެ އަމަލުތަކުގައި އެއްގޮތް ކަންތައްތަކެއް ހުންނާތީ ސްމަގްލިންގެ އަމަލެެއް ޓްރެފިކިން އަށް ބަދަލުވާ ހާލަތްތައްވެސް އަންނާތީއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ނެރޭ "ޓްރެފިކިން އިން ޕާސަންސް ރިޕޯޓް" ވޮޗް ލިސްޓުގައި ރާއްޖެ އޮތްއިރު "ޓިއަރ 3" އަށް ރާއްޖެ ވެއްޓުމުގެ ބިރު އެބައޮތް ކަމަށް ވެސް މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެމިނިސްޓްރީން ބުނީ އެކަމުން އަރައިގަތުމުން ރާއްޖެއަށް މުހުލަތެއް ދީފައިވާ ކަމަށެވެ.
އިންސާނީ ވަގުފާރި، ނުވަތަ ހިއުމަން ޓްރެފިކިން ހުއްޓުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ފަހަތަށް ޖެހިފައިވާކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ރިޕޯޓުން ވަނީ ދައްކާފައެވެ.
ނޭޝަނަލް އެންޓި ހިއުމަން ޓްރެފިކިންގ ސްޓިއަރިން ކޮމެޓީގެ ރިޔާސަތު ބަލަހައްޓަމުންގެންދާ ޑިފެންސް މިނިސްޓްރީން ބުނީ، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤައުމީ އައު އެކްޝަން ޕްލޭން މި މާޗް މަހުގެ 31ގެ ކުރިން އެކުލަވާލަން އަންގައި ސްޓޭޓް ޑިޕާޓްމަންޓުން މުހުލަތު ދީފައިވާ ކަމަށެވެ.
އެ މުއްދަތުގައި އެކްޝަން ޕްލޭން އެކުލަވާލައި އާއްމު ނުކުރެވިއްޖެ ނަމަ، ރާއްޖެ ވޮޗް ލިސްޓުން ކަޓައި "ޓިއަރ 3" އަށް ވެއްޓުމުގެ ބިރު އެބައޮތް ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތުދެއެވެ.