މައްސަލަ ބޮޑުވެފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ސީޕްލޭން ޓާމިނަލް މައްސަލާގައި މާލިއްޔަތު ކޮމެޓީން މަންޓާ އެއާ އާ ބައްދަލުކުރަން ނިންމައިފިއެވެ.
މަންޓާއާ އެކު ބާއްވާ ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 11:00ގައެވެ. މި މައްސަލާގައި [ޓާމިނަލް މައްސަލަ] މަންޓާއިން ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ޓާމިނަލްއިން ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ)އަށް ސަރުކާރުން ޖާގަ ދީފައިވާ ގޮތާއި މެދު މަންޓާއިން ހިތްހަމަޖެހޭ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ޓީއެމްއޭއިން މުޅި ސީޕްލޭން ޓާމިނަލްގެ ކޮންޓްރޯލް ނަގަން އުޅޭ ކަމަށް އެ ސިޓީގައި މަންޓާއިން ބުނެފައިވެއެވެ.
އަދި މަންޓާއިން ވަނީ ސީޕްލޭން ޓާމިނަލް މައްސަލާގައި ސަރުކާރު މުއައްސަސާތަކުގައި ލޮބީ ކުރަމުންދާ ކަމަށް ބުނެފައެވެ. އެހެންކަމުން އެ ސިޓީގައި މަންޓާއިން ވަނީ އެ ކުންފުނީގެ ކަންބޮޑުވުންތައް މަޖިލީހާއި ހިއްސާ ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.
މާލިއްޔަތު ކޮމެޓީން މިދިޔަ ހަފްތާގައި ވަނީ ޓީއެމްއޭގެ އިސްވެރިން ކޮމެޓީއަށް ހާޒިރުކޮށްފައެވެ. އެދުވަހުގެ ކޮމެޓީގައި ޓީއެމްއޭއާއި އެކުންފުނީގެ މައިގަނޑު ހިއްސާ އޮންނަ ބެއިން ކެޕިޓަލް ކުންފުނިން ބުނީ ޓާމިނަލްގެ މައްސަލައިގައި އެމްއޭސީއެލްއާ ކުރި މަޝްވަރާތަކުގައި ވަރަށް ބޮޑަށް ދޫދީފައިވާނެ ކަމަށެވެ. އަދި ޓީއެމްއޭއިން އެދޭ ހަމައެކަނި ކަމަކީ އެމްއޭސީއެލްއިން ހުށަހެޅި އެގްރީމަންޓާ އެއްގޮތަށް އަމަލުކޮށް، އެ ކުންފުންޏަށް ހައްގު މިންވަރު ދިނުމަށް ކަމަށް ޓީއެމްއޭއިން ބުނެއެވެ.
މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ވަނީ ތަހުގީގުކޮށްފައެވެ. އޭސީސީން ބުނީ ސީޕްލޭން ޓާމިނަލް ދީފައިވަނީ ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ބޮޑު މަންފާއެއް ލިބި ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ.
އޭސީސީން ބުނީ އެ މައްސަލައިގައި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް ނުވަތަ ސީޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައި ދިނުމަށް މަސައްކަތްކޮށްފައިވާ ކަމާއި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަދި ސީ ޕްލޭން ޓަރމިނަލް އޮޕަރޭޓްކުރުމާ ގުޅޭގޮތުން ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކާ މަޝްވަރާކޮށްފައިވީނަމަވެސް، އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު ސޮއިކުރެވިފައެއް ނުވާ ކަމަށްވެސް އޭސީސީން ބުންޏެވެ.