ސްރީލަންކާ އަސްކަރިއްޔާގެ އިސް ކޮމާންޑަރުގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް ޝަވެންދްރާ ސިލްވާ ބްލެކްލިސްޓްކޮށް، އޭނާއާއި އޭނާގެ އާއިލާއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

މިކަން ހާމަކުރައްވަމުން އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވީ، ސިލްވާ ބްލެކްލިސްޓު ކުރަން ޖެހުނު ސަބަބުތަކުގެ ތެރޭގައި، 2009 ވަނަ އަހަރު ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ 'ފަހުތަޅާލުންގަނޑުގެ' ތެރޭގައި ގާނޫނީ އިމުން އެތައް ބަޔަކު މެރުމާ، ލާއިންސާނީ އެތައް ޖަރީމާއެއްގެ ތުހުމަތުތައް އޭނާއަށް އަމާޒުވަމުން ދިއުން ހިމެނޭ ކަމަށެވެ.

ސިލްވާއާއި ދެކޮޅަށް އދއާއި އެހެންވެސް ޖަމިއްޔާތަކުން އަމާޒުކޮށްފައިވާ ތުހުމަތުތަކަކީ ސާބިތުހިފޭ، ސައްހަ ކަންތައްތަކެއްކަމަށްވެސް ޕޮމްޕޭއޯ ވަނީ ވިދާޅުވެފައެވެ.

މިކަންކަމަށް ރިއާޔަތްކޮށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ސިލްވާއާއި އޭނާގެ އާއިލާއަށް އެމެރިކާއަށް ދަތުރު ނުކުރެވޭނެ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

ގޮތަބާޔާ ރާޖަޕަކްސަގެ ސަރުކާރުގައި މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް ހަމަޖައްސަވާ، އަސްކަރިއްޔާގެ އިސް ވެރިޔާގެ މަގާމަށް ސިލްވާ ހަމަޖެއްސީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިއުންތައް ސްރީލަންކާއަށް އަމާޒުވިއެވެ. އދގެ ސުލްހަ ބަލަހައްޓާ މިޝަންތަކުގައި ސްރީލަންކާގެ އަސްކަރިއްޔާގެ މެމްބަރުންނަށް ބައިވެރި ނުވޭވޭ ގޮތަށް އދއިން ކަނޑައެޅިއެވެ.

ސްރީލަންކާގެ އަދުގެ ސަރުކާރުން ސިފަކުރާ ގޮތުގައި 26 އަހަރުވީ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެސް ތަމަޅަ ޓައިގަރުން ބަލިކުރުމުގައި ސިލްވާއަކީ ބަތޮލެކެވެ.