ވެށިފަހި ޕްރޮގްރާމުގެ ދަށުން ގޯތި ލިބޭނެ ކަމަށް ލިޔުން ލިބި އަދި ގޯތި ލިބިފައި ނުވާ ފަރާތްތަކަށް ހުޅުމާލެއިން މިއަހަރުތެރޭގައި ގޯތި ދޭނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހެން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކާ ވާހަކަ އާންމުވުމާ ގުޅިގެން އެކަން ދޮގުކޮށް ނެރުނު ބަޔާނެއްގައެވެ.

އެޗްޑީސީން ބުނީ ހުުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން އެކުންފުނީގެ ބޯޑުން އަދި ނިންމާފައި ނުވާކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރު ދެއްވި ރިޔާސީ ބަޔާނާ އެއްގޮތަށް، ވެށިފަހި ޕްރޮގްރާމުން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި ގޯތި ލިބިފައި ނުވާ ފަރާތްތަކަށް ގޯތި ދޫކުރާނެ ކަމަށެވެ. އަދި އެ ގޯތިތައް ހައްގުވެރި ފަރާތްތަކަށް ހަވާލު ކުރުމުގެ މަސައްކަތް މިއަހަރު ކުރާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

ވެށިފަހި މާލެ ޕްރޮގްރާމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ފެށްޓި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ދަށުން މާލެ، ހުޅުމާލެ އަދި ގުޅީފަޅުން ފުލެޓް ދިނުމާއި ބިން ދޫކުރުން ކުރިއަށް ގެންދިޔައެވެ. އެ ފުލެޓް ތަކަށް އެދި 22000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައި ވެއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމަށް ފަހު އެ ޕްރޮގްރާމް ހުއްޓާލައި، ރައީސް ޔާމީނުގެ ވެރިކަމުގައި ކުރިއަށް ގެންދިޔައީ ހިޔާ މަޝްރޫއަކާއި ގެދޮރުވެރިކުރުމުގެ ޕްރޮގްރާމެކެވެ. ނަމަވެސް އެޕްރޮގްރާމުތައްވެސް އެދެވޭ ގޮތެއްގައި ކުރިއަށް ގޮސްފައެއް ނުވެއެވެ.

ތަފާތު އެކި ފަހަރުމަތިން، އެކި ނަންނަމުގައި ހިންގި ހައުސިން މަޝްރޫއުތަކުގައި އެތައްހާސް ބަޔަކު ފޯމު ހުށަހެޅިއެވެ. އަދި އެ ޕްރޮގްރާމުތަކުގެ ތެރެއިން ކޮންމެ ޕްރޮގްރާމަކަށް ފޯމު ހުށަހެޅި ބައެއް ފަރާތްތަކަށް، އެކި ފަހަރު އެކި އަދަދަށް މާކުސް ދިނުމާއި، މާކްސް ހަމަ ނުވާ ފަރާތްތަކަށް ފްލެޓް ދިނުމާއި، ކޮރަޕްޝަން އެކުލެވޭ ގޮތަށް ފްލެޓްގެ މަސައްކަތް ކުރުން ފަދަ ކިތަންމެ މައްސަަތަކެއް ފެންމަތިވިއެވެ. އަދި އެ މައްސަލަތައް ބަލާ ހައްގުވެރިންނަށް ފްލެޓްދޭން ކޮމެޓީތައް ހެދިނަމަވެސް، އެ ކޮމެޓީތަކުން މިއަދާ ހިސާބަށް ނުކުތް ނަތީޖާއެއް ނެތެވެ.