ފާއިތުވީ 24 ގަޑިއެއްހާއިރަށް ބަލާއިރު ސޯޝަލް މީޑިއާގައި ފަތުއަޑުކިޔާ، ވައިރަލް ވަމުންދާ އެއް ވާހަކައަކީ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަސް (މިއަދު)އަކީ މުޅި އަހަރު ދުވަހުގެ ތެރޭގައިވެސް، އެއްވެސް އިތުރު އެހީއަކާ ނުލާ ފިހިގަނޑެއް ބިންމަތީގައި ކޮޅަށް ބެހެއްޓޭނެ ހަމައެކަނި ދުވަސް ކަމަށް ނާސާއިން ބުނިކަމަށް ބުނެ، ދައުރުވަމުންދާ ވާހަކަތަކެވެ.

ސޯޝަލް މީޑިއާގެ ކޮންމެ ދިމާލަކަށް ބަލާލި ކަމުގައި ވީ ނަމަވެސް ފެންނަނީ ފިހިގަނޑުތައް ކޮޅަށް ބަހައްޓާފައިވާ ވީޑިއޯތަކުން ފުރިފައިވާ ތްރެޑްތަކެވެ. މިކަން ވައިގައި ހިފާފައިވަނީ، މި ފަދަ ގޮތަކަށް ފިހިގަނޑެއް ކޮޅަށް ހުންނާނެ ހަމައެކަނި ދުވަހަކީ ފެބުރުވަރީ 11 ވަނަ ދުވަސް ކަމަށް ނާސާއިން ހޯމަ ދުވަހު ބުނެފައިވާކަމަށް ބުނެ ދައުރުވަމުންދާ ޓްވިޓްއަކާ ގުޅިގެންނެވެ. އަދި މިއީ ދުނިޔޭގައިވާ ބިމަށް ދަމާ ބާރު މިއަދު ހުރި މިންވަރުގެ ސަބަބުން މެދުވެރިވާ ހާލަތެއް ކަމަށްވާ އެ ޓްވީޓްގައި ބުނެއެވެ.

ކަންމިހެން އޮތްއިރު، މިކަމަށް ސީދާ ކަށަވަރު ލިބޭ އެއްވެސް މައުލޫމާތެއް، ނާސާގެ ސައްހަ އެކައުންޓަކުން އާންމުކޮށްފައެއް ނެތެވެ. އެހެންނަމަވެސް މިއީ ކުރެވިދާނެ ކަމެކެވެ. މިއަދު އެކަންޏެއް ނޫނެވެ. އަހަރުގެ ކޮންމެ ދުވަހަކުވެސް މިކަން ކުރެވިދާނެއެވެ. ހުރިހާ ކަމެއްވެސް ގުޅެނީ، ފިހިގަނޑުގެ ކުނިކަހާ ބައިގައިވާ ނަރުތައް ޓްރައިޕޮޑެއް ގޮތަށް އަތުރާލުމާއެވެ. ބަހައްޓާލެވޭ ގޮތަކުން ޓްރައިޕޮޑެއްގެ ބައްޓަމަށް ނަރުތައް 3 ކަފިވެއްޖެނަމަ އަހަރުގެ ކޮންމެ ދުވަހަކުވެސް ފިހިގަނޑު ކޮޅަށް ހުންނާނެއެވެ.