މިހާރުގެ ޖެންޑާ މިނިސްޓަރުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފައިވާ އައިޝަތު މުހައްމަދު ދީދީ އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ފޮނުވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އާ ޖެންޑާ މިނިސްޓަރަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމުގެ ގޮތުން މަޖިލީހުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލަން އޮންނަ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ސަރުކާރުގެ ކެބިނެޓަށް ވަޒީރަކު ރައީސް އައްޔަން ކުރެއްވުމަށް ފަހު އެ ވަޒީރަކު މަގާމުގައި ބެހެއްޓުމަށް މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ރައީސް ފޮނުއްވަން ޖެހޭނެއެވެ. އެ މައްދާގައިވާ ގޮތުގެ މަތިން އައިޝަތު މުހައްމަދު ދީދީއަށް ރުހުން ހޯދުމަށްޓަކައި ރައީސް ސޯލިހް ވަނީ އެ މައްސަލަ މަޖިލީހަށް ފޮނުއްވާފައެވެ.
ޖެންޑާ މިނިސްޓަރުގެ މަގާމުން މިދިޔަ ހަފްތާގައި ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވުމުން އެމަގާމަށް އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރެއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ.
އައިޝަތު ދީދީ ޖެންޑާ މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.