ގާނޫނާ ހިލާފު އަމުރަށް ތަބާވާ ފުލުހުން އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް މަޖިލީހަށް ހުށަހެޅި ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމަނައިފިއެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. މި ބިލުގައިވާ ގޮތުން އެއްވެސް ފުލުހެއްގެ މައްޗަށް ގާނޫނާ ހިލާފު އަމުރެއް ކުރުމާއި، ގާނޫނާ ހިލާފަށް ކުރާ އަމުރަކަށް ފުލުހަކު ތަބާވެއްޖެ ނަމަ އެމީހެއްގެ މައްޗަށް ޖިނާއީ ދައުވާކުރާނެ ކަމަށެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުން އެއް އަހަރު ދުވަހުގެ މުއްދަތައް ޖަލަށް ލުން، އެހެންނޫނީ ފަންސާސް ހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށް ބިލުގައި ވެއެވެ.

އެބިލުގައި 20 ވަނަ ބާބުގައި ފުލުހުންގެ ޔުނިފޯމާއި ޝަރަފުގެ ނިޝާން ގާނޫނަށް ހިލާފަށް ބޭނުން ކުރުމުން އަޅާނެ ފިޔަވަޅާއި ގާނޫނާ ހިލާފު އަމުރު ކުރާ ފުލުހުންނާއި އެ އަމުރަށް ތަބާވާ ފުލުހުންނަށް އަޅާނެ ފިޔަވަޅުވަނީ ހިމަނާފަ އެވެ. އެގޮތުން ފުލުހުންގެ ޔުނިފޯމާއި ޝަރަފުގެ ނިޝާން ގާނޫނާ ހިލާފަށް ބޭނުންކޮށްފި ނަމަ ދިހަ ހާސް ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް އެއްމަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ބިލުގަައި ވަނީ ބުނެފަ އެވެ.

މިބިލު ގާނޫނަކަށްވެ އެ ގާނޫނުގެ ދަށުން ޖިނާއީ ދައުވާ ކުރި ނަމަވެސް، އެހެން ގާނޫނެއްގައި ޖިނާއީ ދައުވާ ކަމަށް ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ އެގާނޫނެއްގެ ދަށުންވެސް ދައުވާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އެއީ އެއް ކުށަކަށް ދެ އަދަބެއް ދިނުން ކަމުގައި ނުބެލެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ފުލުހުން ވަޒީފާއަށް ފިލުމަކީވެސް ޖިނާއީ ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެގޮތުން ވަޒީފާ ދޫކޮށް ފިލައިގެން ދާން އުޅުމާއި ނުވަތަ ގޮސްފި ނަމަވެސް އެ ކުރަނީ ޖިނާއީ ކުށެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެކުށުގެ އަދަބެއް ކަމަށްވެސް ބިލުގައި ބުނެފައިވަނީ ފަންސާސް ހާސް ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ އެއް އަހަރަށް ޖަލަށް ލުމެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން ނިމިދިޔަ ހަފްތާގެ ހޯމަ ދުވަހު ވަނީ އިއްވާފަ އެވެ. ނަމަވެސް އަދި އިބްތިދާއީ ބަހުސް މަރުހަލާ ނުފަށަ އެވެ.