ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމްކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ހިއްސާކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑާއިގެންނެވީ، ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އީޔޫގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެކްސްޓާނަލް އެކްޝަން ސާވިސް ފޯ އޭޝިއާ އެންޑް ޕެސިފިކްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޕައުލާ ޕަންޕަލޯނީއާ އެވެ.

އާދަމް ޝަރީފު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި ކަމަށާއި، އަދި އެކަންބޮޑުވުންތައް އީޔޫގެ ހެޑް އޮފީހާއި ހިއްސާކުރައްވާނެ ކަމަށް ޕައުލާ ވިދާޅުވި އެވެ. އެގޮތުން އިދިކޮޅުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، އިންސާފުން ބޭރު ޝަރީއަތަކުން ރައީސް ޔާމީނަށް ހުކުމް އިއްވައި ހުކުމް ތަންފީޒު ކުރުމުގެ އިތުރުން، އިދިކޮޅު ފަރާތްތަކަށް މިހާރު ކުރަމަތިވަމުންދާ އުނދަގޫތައް ހިއްސާކުރެއްވި އެވެ.

ރައީސް ޔާމީންއަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވީ މަނީލޯންޑަރިންގެ ކުށް ސާބިތުވުމާއި ގުޅިގެންނެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން އެ ހުކުމް މިހާރު ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. އެ މައްސަލާގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައުލަތަށް ދެއްކުމަށް ވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.

ރައީސް ޔާމީން ނިސްބަތްވާ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަނުން ގަބޫލު ކުރަނީ އެމަނިކުފާނުގެ މައްޗަށް އިއްވީ ނުހައްގު ހުކުމެއް ކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކަމާ ބެހޭ މުއައްސަސާތައް ހުށަހަޅަން ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް އިދިކޮޅު ކޯލިޝަން އިން ފެށި އެވެ.