6 އަހަރުގެ ކުއްޖާގެ މަންމައާއި ބައްޕަ، ކުއްޖާ ހޯދުމަށް ކުރަމުން ދިޔަ މަސައްކަތުގެ ވާހަކައަކީ މިހާރު ގިނަ ބައެއްގެ މެދުގައި ދެކެވެމުން އަންނަ ވާހަކައެކެވެ. 30 ދުވަހު މަންމައާ ދުރުގައި، މ. މުލަކުގައި ހޭދަކުރުމަށް ފަހު މަންމައާއެކު ކުއްޖާ ތިމަރަފުއްޓަށް ދިޔައީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މަންމައަށް ކުއްޖާ ލިބުނުތާ 24 ގަޑި އިރު ނުވަނީސް ދައުލަތުން ވަނީ ވަގުތީ އަމުރެއްގެ ދަށުން ކުއްޖާ "މަންމަ އަތުން އަތުލާފަ" އެވެ. އާއިލާއާ ބެހޭ ކޯޓުން ނެރުނު އަމުރުގައި ކުއްޖާގެ މާމަގެ މައްޗަށް ކުއްޖާއަށް އަނިޔާ ކުރާ ކަމުގެ ތުހުމަތެއް އޮތް އިރު އެކަން އޮޅުން ފިލުވަން ދައުލަތުން ބޭނުންނުވާ ކަމަށްވެސް އެ އަމުރުގައި އޮތެވެ. އެހެންކަމުން ނުރައްކަލަށް ހުށަހެޅިފައިވާ ކުއްޖާ ދައުލަަތަށް ނެގުމަށް އަމުރު ނެރުނީއެވެ.

މި މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން މިއަދާ ހަމައަށް އެންމެންގެ ހިތުގައި ވަނީ އެ ކުޑަ އަންހެން ކުއްޖާއާ މެދު ހަމްދަރުދީ އުފެދިފައެވެ. އެހާ ޅަ އުމުރެއްގައި ކުއްޖާ އެއަތަނުން އަނެއް ތަނަށް "ދެމުމުގެ" ސަބަަބުން ކުއްޖާއަށް ކުރާނެ ނަފްސާނީ ގެއްލުމުގެ ވާހަކަތަކަކީ އެތައް ބައެއްގެ ބޮޑު ޝަކުވާއެކެވެ.

މި ކުއްޖާގެ މައްސަލައަށް ހައްލު ހޯދަން މާ ލަސްވެއްޖެ ކަމަށް އެއް ބަޔަކު ބުނަމުން ދާއިރު، ކަމުގެ ހަގީގަތް ބަލައި ކުއްޖާއަށް އެންމެ ރަނގަޅު އަދި އިންސާފުވެރި ގޮތަކަށް މައްސަލަ ނިންމުމަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ. މަންމައަކާއި ދަރިއަކަށް އެ ދެވެނީ ނުހަނު ބޮޑު ވޭނެއް ކަމަށް ބުނެ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

6 އަހަރުގެ ކުއްޖާގެ މައްސަަލައިގައި ސޯޝަލް މީޑިއާގައި އާންމުންގެ ކޮމެންޓްސް

ދުރުތިބީންގެ ކަންބޮޑުވުންތަކަށް ވުރެ، ކުއްޖާގެ މަންމައާއި ބައްޕައަށް ގައިމު އަޅާ ވޭން ބޮޑުވާނެވެ. އަދި އެއަށްވުރެ ބޮޑަށް 6 އަހަރުގެ ކުއްޖާގެ ހިތުގައި ހިނގާނެ ޝުއޫރުތަކެއްވެސް ހުންނާނެތާއެވެ. އެ ހިތުގައި ޖަހާ ވިންދާއި އެ ކުއްޖާ އެދޭ ގޮތްތަކެއް ނުވަތަ އެދުންތަކެއްވެސް އޮންނާނެތާއެވެ. އެ ހިތުގެ އަޑު އަހާލަމާ ހިނގާށެވެ.

ކުއްޖާގެ ބަސް: އަޅުގަނޑު މަންމަ ދޫކޮށްލާފައި ނުދާނަން. އަޅުގަނޑު ވަރަށް ދެރަވޭ!

ވަގުތީ އަމުރުގައި ވަނީ 24 ގަޑިއިރުގެ މުއްދަތެއްގެ ތެރޭގައި ދައުލަތަށް ކުއްޖާ ހަވާލު ކުރުމަށެވެ. އެ އަމުރު އެހެން އޮތުމާއި އަމުރުގައި ކުއްޖާގެ މާމަގެ މައްޗަށް އެހާ ބޮޑު ތުހުމަތެއް އޮތުމުން، 'ދަ ޕްރެސް' އިން ގުޅައިގެން ކުއްޖާއާ ވާހަކަ ދައްކާލީމެވެ.

ޖުމްލަ 30 ދުވަހަށް ފަހު މަންމައާއި ދޮންތައާއި ބައްދަލުވުމުން ކުއްޖާ ހުރީ ވަރަށް އުފަލުންނެވެ. ރޭގަނޑުގެ ކެއުމަށް ފަހު ކުއްޖާ ނިދަން ތައްޔާރުވެގެން ހުރިކަމަށް ބުނެއެވެ. ގެއަށް ދެވުނީމައި އުފަލުން ހުރިކަން ފާހަގަ ކުރަމުން ކުއްޖާ ބުނީ އޭނާ މަންމަ ކައިރިން ދުރަށް ދާން ބޭނުން ނުވާ ކަމަށާއި މަންމައާ ވަކިން އުޅެން ޖެހުމުން ވަރަށް ދެރަވި ކަމަށެވެ.

"އަޅުގަނޑު މަންމަ ދޫކޮށްލާފައި ނުދާނަން. އަޅުގަނޑު ވަރަށް ދެރަވޭ. އަޅުގަނޑު ނަމާދުކޮށް ދުއާކޮށްފިއްޔާ މަންމަ ކައިރިއަށް ގެންދާނެތަ؟"
6 އަހަރުގެ ކުއްޖާ

ކުއްޖާ ވާހަކަ ދައްކަމުން ގޮސް ސުވާލު އުފައްދަމުން އަހާލީ، އޭނާ ނަމާދުކޮށް ދުއާކޮށްފިނަމަ މަންމަ ކައިރިއަށް ގެންދާނެ ތޯއެވެ. މީ އުމުރުން 6 އަހަރު ކުއްޖާ ކުރި ސުވާލެކެވެ. އަސަރު ހުރި ސުވާލެކެވެ. މީގެ އިތުރުން ކުއްޖާ ވަނީ އޭނާ ބައްޕަ ކައިރިއަށް ދާން ބޭނުންނުވާ ވާހަކަ ވެސް ބުނެދީފައެވެ.

ކުއްޖާ ބުނީ، އޭނާ މުލަކަށް ގެންދިޔައީ ސަފާރީއަށް ގެންދާނެ ކަމަށް ބުނެފައި ކަމަށެވެ. ކުއްޖާ ނުދާނަމޭ ބުނެ ރޯން ފެށީމައި ބައްޕަ ހެދިކާ ގެނެސްދިން ކަމަށް ކުއްޖާ ބުނެއެވެ. އަދި ކުއްޖާ ބޭނުންވަނީ މަންމަ ކައިރިއަށް ދާން ކަމަށް ބުނުމުން، ބޮޑުޗުއްޓީއަށް ރަށަށް ދަނީ ކަމަށް ބައްޕަ ބުނިކަމަށް ކުއްޖާ ބުނެއެވެ.

ކުއްޖާ މުލަކަށް ގެންގޮސް، މަސް ޓޭންކެއް އެބަހުރި ކަމަށް ބައްޕަ ބުނި ކަމަށާއި ކުއްޖާއަށް ދެ ދޫނިވެސް ގެނެސް ދިން ކަމަށްވެސް ބުނެއެވެ. ނަމަވެސް އެ ދޫނިތައް ފަހުން މަރުވީ ކަމަށް ކުއްޖާ ބުނެއެވެ. އަދި ކުއްޖާ މަންމަ ކައިރިއަށް ދާން ބޭނުންވާ ކަމަށް ބުނުމުން، މަންމަ ގޯސްކަމަށް ބައްޕަ ބުނިކަމަށް ކުއްޖާ ބުނެއެވެ. އަދި މަންމަ ގޯސްހޭ ބައްޕަ އެހުމުން، ދެން އެކަމަށް އާނއެކޭ ބުނީކަމަށް ކުއްޖާ ބުނެއެވެ.

"އެރަށު މާމަ އައިސް އަޅުގަނޑުގެ ކަންފަތް ބުރިކޮށްލާނޭ ގޮސްފިްޔާމުން. މުސަޅުގެވެސް ކަންފަތް ބުރިކޮށްލާނޭ. އެހެން ކިޔަކިޔާފައި އެހެން ދޮގު ހަދާފަ އަޅުގަނޑު ކައިރީ ބުނީ ބޭނުންހޭ އެ ރަށު މާމަ ކައިރިއަށް ދާން. ދެން އަޅުގަނޑު ބުނީ ނޫނެކޭ"
6 އަހަރުގެ ކުއްޖާ

އަދި ކުއްޖާގެ ބައްޕަ ފަރާތު މާމަ ކުއްޖާ ގާތު ބުނި ވާހަކަތަކެއް ވެސް ކުއްޖާ ވަނީ ކިޔައިދީފައެވެ. އެރަށަށް (ތިމަރަފުއްޓަށް) ގޮސްފިއްޔާ އެ ރަށު މާމަ (މަންމަ ފަރާތު މާމަ) އައިސް އޭނާގެ (ކުއްޖާގެ) ކަންފަތް ބުރިކޮށްލާނެ ކަމަށާއި މުސަޅުގެ ކަންފަތްވެސް ބުރިކޮށްލާނެ ކަމަށް (މުލަކު މާމަ) ބުނި ކަމަށް ކުއްޖާ ބުނެއެވެ. އެގޮތަށް އެހުމަށްފަހު އެރަށަށް (ތިމަރަފުއްޓަށް) ދާން ބޭނުންތޯ މުލަކު މާމަ އެހުމުން ކުއްޖާ ތިމަރަފުއްޓަށް، މާމަ ކައިރިއަށް ދާން ބޭނުންނުވާ ކަމަށް ކުއްޖާ ބުނެއެވެ.

މުލަކުގައި 30 ދުވަސް ހުރުމަށްފަހު ކުއްޖާ ބޭނުވި މާހައުލަށް އެނބުރި ދެވުމުން ކުއްޖާ ހުރީ ވަރަށް އުފަލުންނެވެ. އުއްމީދުގެ ހުޅުކޮޅެއް އެހިތުގައި ރޯވިކަހަލަ އިހްސާސެއް ކުރި ނަމަވެސް އޭގެ މާ ގިނަ އިރުތަކެއް ނުވެއެވެ. ފެމިލީ ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ފުލުހުން އެގޭ ދޮށަށް ގޮސް ކުއްޖާ ވަނީ ދައުލަަތަށް ނަގާފައެވެ.

4 ފެބްރުއަރީ: މަންމައަށް ދަރިފުޅު ލިބުނީ 30 ދުވަސް ފަހުން!

މަންމައަކަށް ދަރިއަކާ ވަކިން އުޅުމަކީ ވަރަށް ދަތިކަމެކެވެ. ހަމައެފަދައިން އެ މަންމައަށް ވެސް ކުއްޖާ ގެންދިޔަ ހިސާބުން ހިތަށް ލައްކަ އަސަރު ކުރިކަމަށް ކިޔައިދިނެވެ. ކުއްޖާ ހޯދުމަށް އެތައް މަސައްކަތްތަކެއް ކުރިއެވެ. ދެފަހަރަކު ކޯޓު އަމުރެއް ހޯދައި ކުއްޖާ ހޯދުމުގައި މަންމަ ކާމިޔާބު ވިއެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު ދެވަނަ ފަހަރަށް ކޯޓު އަމުރެއް އެ މަންމަ ހޯދީ ކުއްޖާ އަނބުރާ ގެއަށް ގެންދިއުމުގެ ބޭނުމުގައެވެ. 48 ގަޑިއިރުގެ އެ އަމުރު ތަންފީޒު ކުރުމަށްޓަކައި ފުލުހުން ކުއްޖާގެ މާމައަށް ގުޅުމަށް ފަހު ކުއްޖާ ބަލައި، މުލަކަށް ދިއުމަށް އެދެއެވެ.

އެދުވަހު މުލަަކަށް އެދެމައިން ދަނީ ފޮނި އުންމީދުތަކަކާ އެކީގައެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުއްޖާ ގޮވައިގެން މަންމައާއި މާމަ އެ ރަށުން ފައިބަނީ ފުލުހުންގެ ޓީމެއްގެ ބޮޑު އެހީތެރިކަމާ އެކުގައެވެ. އެ ތިން މައިން ވަށާލައިގެން ފުލުހުން އަތު ގުޅާލައިގެން ހިމާޔަތް ދެމުން ބަނދަރުގައި އޮތް ލޯންޗާ ހަމައަށް ދިޔަ އިރު ކުއްޖާގެ ބައްޕަގެ އާއިލާގެ މީހުންނާއި އެ ރަށުގެ ބައެއް މީހުން ފަހަތުން އެއްޗެތި ކިޔަމުން ދާ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެރޭ ކުއްޖާ ގޮވައިގެން އެ ދެމައިންނަށް ތިމަރަފުއްޓަށް ދެވެނީ ދަންވަރު 12:55 ހާއިރުއެވެ.

5 ފެބްރުއަރީ: މައްސަލަ ހުށަހަޅައި، އަޑުއެހުމެއް ބާއްވައި ފެމިލީ ކޯޓުން އަމުރު ނެރުން!

ބުދަ ދުވަހަށް އިރު އެރީ ތިމަރަފުށީގައި ތިބި އެ އާއިލާގެ މެންބަރުންނަށް އުފާވެރި ދުވަހެއްގެ ގޮތުގައެވެ. އެއް މަސް ދުވަސް ފަހުން ކުއްޖާ ގެއަށް އެނބުރި ދިއުމުން އެގޭގައި ތިބި ކުޑިބޮޑު ހުރިހާ މެންބަރުންގެ ހިތް އުފަލުން ފޮޅުނެވެ. ނަމަވެސް ކުއްޖާ ލިބުނުތާ 24 ގަޑިއިރު ނުވަނީސް އެ އާއިލާއަށް ލިބެނީ ހިތް ކުދިކުދިވާ ވަރުގެ ހަބަރެކެވެ.

6 އަހަރުގެ ކުއްޖާގެ މައްސަލައިގައި އެގޭ ކައިރިއަށް ގިނަ ބަޔަކު އެއްވެ ކުއްޖާއާ މަންމަގެ ހައްގުގައި އިހުތިޖާޖު ކުރަނީ

މެދުރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ 6 އަހަރުގެ ކުޑަ ކުއްޖަކާ ހަވާލުވެ ތިބި ފަރާތްތަކުން އިހުމާލުވަމުންދާ މައްސަލައަކާ ގުޅިގެން އެ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ދައުލަތަށް ނެގުމާބެހޭ މައްސަލައެއް ފެމެލީ ކޯޓަށް ދައުލަތުގެ ފަރާތުން ހުށަހަޅައެވެ. މީގެ އިތުރުން އެ ކުޑަކުއްޖާއަކީ ނުރައްކަލަށް ހުށަހެޅިފައިވާ ކުއްޖެއް ކަމަށް ލަފާކުރެވޭތީ އަވަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލައިގެ އަޑުއެހުމެއް ފެމެލީ ކޯޓުގައި ތާވަލު ކުރީ ބުދަ ދުވަހުގެ ރޭ 9:28 ގައެވެ.

އަވަސް މައްސަލައެއްގެ ގޮތުގައި މައްސަލައިގެ އަޑުއެހުން ބޭއްވުމަށްފަހު އެރޭ 10:50 ވީއިރު، ފެމިލީ ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވާކަން އެޓާނީ ޖެނެރަލް އޮފީހުން އިއުލާން ކުރިއެވެ. އެގޮތުން 24 ގަޑިއިރު ތެރޭގައި ކުއްޖާ ދައުލަތާ ހަވާލުކުރުމަށާއި އެ އަމުރު ތަންފީޒު ކުރުމަށް ހުރަސް އަޅާނަމަ، އެކަން ހުއްޓުވައި އެ ކުއްޖާ ދައުލަތާ ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށް އޭޖީއިން ބުނެއެވެ.

މި މައްސަލަ ހުށަހަޅައި، މައްސަލައިގެ އަޑުއެހުން ބާއްވާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އަދި ފެމިލީ ކޯޓުން އަމުރު ނެރެފައި ވަނީވެސް ހަމަ އެދުވަހުއެވެ.

6 ފެބްރުއަރީ: ދައުލަަތަށް ކުއްޖާ ނެގީ ނުދާން ގަދަ ހަދަނިކޮށް!

މަންމައަށް ކުއްޖާ ލިބުނުތާ 48 ގަޑިއިރު ހަމަނުވަނީސް ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ވަނީ ގެންގޮސްފައެވެ. ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ 10:15 ގައި ފުލުހުން ވަނީ ތ. ތިމަރަފުށީ ކުއްޖާ ދިރިއުޅެމުން ދިޔަ ގެއަށް، ފެމިލީ ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ކުއްޖާ ނެގުމަށް ގޮސްފައެވެ.

"ކުއްޖާ ރަށަށް އައިސްފިކަން އެނގިގެން ގޮސް އަހާލިން ކުއްޖާ ގާތު ބައްޕަ ކައިރިއަށް ނުދާނަންހޭ. ކުއްޖާ ބުނީ މުލަކަށް ދާން ބޭނުން ނުވާ ކަމަށާއި، ކުއްޖާ ބޭނުންވަނީ މަންމަ ކަމަށް. އަދި ބުނި ވަރަށް ދެރަވެޔޯ މަންމައާ ދުރުގައި ހުންނަން ވީމަ."
ތިމަރަފުށީ މީހެއް

ފުލުހުންނާ އެކީ ނުދާން ކުއްޖާ ގަދަހެދުމުން އެގޭގައި ތިބި 8 އަހަރުން ދަށުގެ 5 ކުދިން ވެސް ރޯން ފެށިކަމަށް އަވަށްޓެރިއަކު ކިޔައިދިނެވެ. އެހެންކަމުން އަންހެން ފުލުހެއް ގޮސް އެ 5 ކުދިން ކޮޓަރިއަށް ވެއްދުމަށް ބުނި ކަމަށާއި އެއަށް ފަހު މާމަގެ އުނަގަނޑުގައި އޮޅުލައިގަނެގެން އޮތް 6 އަހަރުގެ ކުއްޖާ ގަދަކަމުން ފުލުހުން ގެންދިޔަ ކަމަށް އެ ރަށު މީހަކު ބުނެއެވެ. ފުލުހުންގެ ވެހިކަލަށް ކުއްޖާ ގެންގޮސް އެރުވި އިރުވެސް ކުއްޖާ އޮތީ، ކުއްޖާގެ މާމަ ހުރި ދިމާއަށް އަތް ދިއްކޮށްގެން އެލިގެން ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. ކުއްޖާ ގެންދިޔަ އިރު އެހިސާބުގައި ތިބި އެންމެވެސް ތިބީ ރޮވިފައި ކަމަށާއި އެއީ ބަލަން އަދި ކެތްކުރަން ދަތި މަންޒަރެއް ކަމަށް އެމީހާ ބުނެއެވެ.

"މަންމައަކާ ދަރިއާ ވަކި ކުރަން އެހެން ހެޔޮނުވާނެ. ކިހާ ބޮޑު ވޭނެއް އެ ދެވެނީ. ކުއްޖާއަށާއި އެ މަންމައަށް"
ތިމަރަފުށީ މީހެއް

6 އަހަރުގެ ކުއްޖާ ގެންދިޔަތާ މާގިނަ އިރެއް ނުވެ ކުއްޖާގެ މަންމަ ހޭނެތިގެން ވެއްޓުނު ކަަމަށާއި އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް އެމީހާ ބުނެއެވެ. އެރޭ ހަތަރު ދަމު ކުއްޖާގެ މަންމަ އޮތީ ހޮސްޕިޓަލުގައި ކަމަށާއި އެފަދަ ވޭނެއް ދޭން ހެޔޮނުވާނެ ކަމަށް އެ ފަރާތުން ބުނެއެވެ.

6 އަހަރު ކުއްޖާގެ މައްސަަލައިގައި މުއައްސަސާތަކުގެ ބަސް!

ސްކޫލް އަދި އޭޑިއުކޭޝަން މިނިސްޓްރީ

6 އަހަރުގެ ކުއްޖާއަކީ ތިމަރަފުށީ ސްކޫލުގެ ގްރޭޑް އެކަކަށް މިއަހަރު ދިޔަ ކުއްޖެކެވެ. ސްކޫލް ކިޔެވުން ނުފެށެނީސް ބައްޕަ ވަނީ ކުއްޖާ ގޮވައިގެން މ. މުލަކަށް ގޮސްފައެވެ. ޖެނުއަރީ 5 ވަަނަ ދުވަހު ކުއްޖާ މުލަކަށް ގެންގޮސްފައިވާ އިރު 'ދަ ޕްރެސް' އިން ކުއްޖާގެ ބައްޕައާ ވާހަކަ ދެއްކީ ޖެނުއަރީ 19 ވަނަ ދުވަހުއެވެ. އޭރު ކުރި ސުވާލަށް ޖަވާބު ދެމުން ކުއްޖާ ސްކޫލަށް އަދި ނުގެންދާ ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

ނަމަވެސް ފެބްރުއަރީ 4 ވަނަ ދުވަހު ކުއްޖާގެ މަންމައާއި މާމަ ކުއްޖާއާ ހަވާލުވާން މުލަކަށް ދިޔަ އިރު، ކުއްޖާގެ ބައްޕަ ވަނީ އެ ކުއްޖާ މުލަކު ސްކޫލުން ހޮސްޕިޓަލަށް ގެންގޮސްފައިކަމަށް ބުނެއެވެ. ސްކޫލަށް ނުދާކަމަށް ބުނާ ކުއްޖަކު ސްކޫލަށް ގެންދިޔަ ކަމަށް ބުނާތީ، އެކުއްޖާ ތިމަރަފުށީ ސްކޫލުން މުލަކު ސްކޫލަށް ޓްރާންސްފާ ކޮށްފައިވަނީ ކިހިނެއްތޯ ބަލާލަން ތިމަރަފުށީ ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީން އޮޅުން ފިލުވީމެވެ.

"އަޅުގަނޑަށް ކުއްޖާގެ މަންމައާ ބައްޕަގެ ދެމަދަކަށް ނުވަދެވޭނެ ދެއްތޯ؟ އަންގަން ޖެހޭ ތަންތަނަށް އަންގާފައި އިންނާނީ"
ހަސަން ޒަރީރު

މި ކަމާ ގުޅިގެން ތިމަރަފުށީ ސްކޫލުގެ ޕްރިންސިޕަލް ހަސަން ޒަރީރު ވިދާޅުވީ، 6 އަހަރު ކުއްޖާގެ މައްސަލައާ ގުޅިގެން ސްކޫލްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވާފައި ވާނެ ކަމަށެވެ. ކުއްޖާ ދެކޮޅަށް ދަމާތީ އެހެން ހެދިޔަ ނުދީ ކުއްޖާ ސްކޫލަށް ގެންދެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ޖެންޑާ މިނިސްޓްރީގައި ވެސް އެދިފައިވާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވެއެވެ.

އެ ކުއްޖާ ސްކޫލަށް ގެންދިއުމަށް އެދި ކުއްޖާގެ ބައްޕަ ތިމަރަފުށީ ސްކޫލަށް ގުޅާ ހެދިކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. ނަމަވެސް ސްކޫލުގައި ކުއްޖާގެ ބެލެނިވެރިއެއްގެ ގޮތުގައި ހުންނަނީ ކުއްޖާގެ މަންމަ ކަމަށް ވުމުން ކުއްޖާ ސްކޫލަށް ވެއްދުމަށް ބައްޕަ އެދިފައިވާތީ އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް ވެސް ހަސަން ޒަރީރު ވިދާޅުވިއެވެ. އަދި ކުއްޖާ މުލަކު ސްކޫލަށް ޓްރާންސްފާ ކުރުމުގެ އެއްވެސް ޑޮކިއުމެންޓެއް އެ ސްކޫލުން ކުރިއަށް ގެންގޮސްފައި ނުވާ ކަމަށް ތިމަރަފުށީ ސްކޫލުން ބުނެއެވެ.

ތ. ތިމަރަފުށީ ސްކޫލް / ފޮޓޯ: ދަ ޕްރެސް
"މިނިސްޓްރީގައި ކުއްޖާ ޓްރާންސްފާ ކުރުމަށް ބައްޕަ އެދޭ ވާހަކަ ބުނުމުން މިނިސްޓްރީން ބުނީ ސްކޫލަށް ފޮނުވުމަކީ ކުއްޖާގެ ހައްގެއް ކަމަށް. އެހެންވީމަ އެކަން މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށް ބުނި."
ހަސަން ޒަރީރު

އެޑިއުކޭޝަނުން ބުނީ، ކުއްޖާ ބަހައްޓަން ޖެހެނީ ކާކު ކައިރީތޯ ބެލުމަކީ އެ މިނިސްޓްރީން ކުރަންޖެހޭ މަސައްކަތެއް ނޫން ކަމަށެވެ. އެ މިނިސްޓްރީގެ ޕޮލިސީއަކީ އެކުއްޖަކު ހުރި ތަނަކުން ކުއްޖަކަށް ތައުލީމް ފޯރުކޮށްދިނުން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެހެންކަމުން އެ ކުއްޖާ ކޮންމެ ރަށެއްގައި ހުރި ކަމުގައި ވީނަމަވެސް ކޮންމެ މީހަކާ އެކުގައި ހުރި ކަމުގައި ވީނަމަވެސް އެ ކުއްޖާއަށް ކިޔެވޭނެ ގޮތް މިނިސްޓްރީގެ ފަރާތުން ހަމަޖައްސައި ދޭނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެހެންކަމުން ކުއްޖާ މުލަކު ސްކޫލަށް ވައްދާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް އެނގިގެން ކަމަށްވެސް އެފަރާތުން ބުނެއެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް

މައްސަލައިގެ ސީރިއަށް ކަމާ މެދު ވާހަކަ ދައްކަމުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، ކުއްޖާގެ މަންމައާއި މާމައަކީ ދަންނަ ބައެއް ކަމަށާއި އެއީ ވަރަށް ރަނގަޅު ބައެއް ކަމަށެވެ. މީގެ ކުރިންވެސް 6 އަހަަރު ކުއްޖާގެ މައްސަލައިގައި އޭނާ އެހީތެރިކަން ފޯރުކޮށް ދެއްވާފައި ވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީ

މި މައްސަލައާ ގުޅިގެން ޖެންޑާގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ. ވަގުތީ އަމުރެއް ނެރެގެން ދައުލަތަށް ކުއްޖާ ހަވާލުކޮށްފައި ވާ އިރު ކުއްޖާ އަދި ހުރީ ތ ވޭމަންޑޫ ޖެންޑާގެ ބެލުމުގެ ދަށުގައެވެ.

އެޓާނީ ޖެނެރަލް އޮފީސް

"ކުއްޖާގެ މާމައެއް ކަމެއް މަންމައެއް ކަމެއް އަޅުގަނޑުމެން މެންޝަންކޮށްފައެއް ނީންނާނެ ކުއްޖާ އައިޑެންޓިފައި ވާނެ ގޮތަށް"
އެޓާނީ ޖެނެރަލް އޮފީސް

ކުއްޖާގެ އައިޑެންޓީޓީ ހާމަވާނެ އެއްވެސް މައުލޫމާތެއް ހާމަ ނުކުރާނެ ކަމަށާ ވަގުތީ އަމުރަށް އެދުނީ ކުއްޖާ ހުރި މާހައުލުން ނުރައްކަލަކަށް ކުއްޖާ ހުށަހެޅިފައި އޮތީމައި ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އަދި ކޯޓުގައި އަޑުއެހުމެއް ތާވަލު ކޮށްފައި ވުމާއެކު މި މައްސަލައާ ގުޅިގެން މައުލޫމާތު ދެވެން އޮތް ވަރަށް ޓްވީޓު ކޮށްފައި ވާނެ ކަމަށް އެފަރާތުން ބުނެއެވެ.

ފެމިލީ ކޯޓު

ފެމިލީ ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސާވިސް ސެންޓަރުން ފޮނުވި ސިޓީން އެނގެން އޮތް ގޮތުގައި ކުއްޖާގެ މަންމަ ފަރާތު މާމަ އަނިޔާ ކުރާ ކަމަށް ކުއްޖާ ބުނާ ކަމަށާއި މާމަ އިހުމާލުވާ ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގެ 35 ވަނަ މާއްދައިގެ (ހ) ބުނާ ފަދައިން ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތެއް މެދުވެރިވެފައި ވާ، އަދި ދައުލަތުގެ ބެލުމުގެ ދަށަށް އެ ކުއްޖާ ގެންނަން ޖެހޭ ކަމުގައި ދައުލަތުން ދެކޭ ކަމަށެވެ.

އަދި އަމުރު ރައްދުވާ ހަސްމު (މަންމަ ފަރާތު މާމަ) ޖަވާބުދާރީވެފައި ނުވި ނަމަވެސް ނުވަތަ ޖަވާބުދާރީ ވުމަށް ވަގުތާއި ފުރުސަތު ނުދީ އަމުރު ނެރުމަކީ އަދުލު އިންސާފް ގާއިމު ކުރުމުގައި ކޯޓަށް ލިބިފައިވާ ބާރުގެ ދަށުން ކުރެވިދާނެ ކަމެއް ކަމަށް ވާތީ، ފެމިލީ ކޯޓުގެ ގަޒިއްޔާ ފައިސަލާ ކުރެވެން ދެން ނުވަތަ ޝަރުއީ އެހެން ކޯޓަކުން އަމުރު ކުރަން ދެން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭ ކަމަށެވެ.

ކުއްޖާ ނުރައްކަލަކަށް ހުށަހެޅޭކަމަށް ބުނާ މާހައުލުގައި އިތުރު 5 ކުދިން އެބަތިބި!

6 އަހަރުގެ ކުއްޖާ މަންމައާއި މާމައާ އެކީ މިވީ 6 އަހަރު ދުވަހު ދިރިއުޅެމުން ދިޔަ ގެއަކީ އާދައިގެ ގެއެއް ނަމަވެސް އެގޭގައި ބޮޑު 7 މީހުންނާ އެކު އެ ކުއްޖާގެ އިތުރުން 5 ކުޑަކުދިން އުޅެއެވެ.

މިހާ ހިސާބުން ސުވާލު އުފެދިގެން ދަނީ ކުއްޖާ ހުރި މާހައުލަކީ އެ ކުއްޖާއަށް ނުރައްލަކަށް ހުށަހެޅޭ މާހައުލެއް ކަމަށް ދައުލަތުން ބުނާއިރު އެ މާހައުލުގައި އިތުރު ކުދިންތަކެއް ތިބުމުން އެ ކުދިންނަށް އެ މާހައުލު ރައްކާތެރި ވީތޯއެވެ. 'ދަ ޕްރެސް' އިން މި ކަން ބެލުމަށް ކުއްޖާ ހުރި ގެއާއި މާހައުލާ ގުޅޭ ގޮތުން އެތައް ބަޔަކާ ސުވާލު ކުރީމެވެ.

6 އަހަރުގެ ކުއްޖާ އާއި 8 އަހަރުގެ ދައްތަ ކުޅެނީ

ކުއްޖާ ދިރިއުޅެމުންދާ ގޭގައި އުޅެނީ ބޮޑު 7 މީހުންނެވެ. އެއީ ކުއްޖާގެ މަންމަ، ދޮން ބައްޕަ، ބޮޑު ދައިތަ، ބޮޑުދައިތަގެ ފިރިމީހާ، މާމަ، ކާފައެވެ. މީގެ އިތުރުން ކުއްޖާގެ މުނި މާމަ، 72 އަހަރު ވެސް އެގޭގައި ދިރިއުޅެއެވެ. ކުއްޖާގެ މުނި މާމައަކީ އެނދުގައި އޮންނަ ބަލި މީހެކެވެ. ކައި ބޮއި ހަދަނީ މޭވާއާއި ތަރުކާރީން ތައްޔާރު ކުރާ ޖޫސް ނުވަތަ ބަތްޕެނާއި ޔޯގަޓް ފަދަ ތަޖެއްޗެކެވެ. ފާހާނާ ކުރާށާއި ފެންވަރުވަން ފާހާނާއަށް މުނި މާމަ ގެންގޮސް ހަދަނީ އުރައިގެން ކަމަށް މައުލޫމާތު ލިބެއެވެ. އޯޕަން ބްރެއިން ސާޖަރީއެއް ކޮށްފައި ވާ މުނި މާމައަށް މީހުން ދެނެގަންނަން ނޭނގޭ ކަމަށާއި އެނދުގައި އެހެން އޮންނަނީ ކަމަށް އާއިލާއިން ބުނެއެވެ.

އެ ރަށުގައި ދިރިއުޅޭ އަވައްޓެރިން ބުނީ، އެ މާމަ އޮންނާނީ އަބަދުވެސް ރީތިކޮށް ފެންވަރުވާފައި ކަމަށެވެ. މާމަ އެހާލުގައި އެހެން އޮންނަތާ 6 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެކަމަށް އެފަރާތުން ބުނެއެވެ.

6 އަހަރުގެ ކުއްޖާ އާއި 8 އަހަރުގެ ދައްތަ

ދެން އެގޭގައި އުޅޭ ކުޑަކުދިންނަށް ބަލާލަމާ ހިނގާށެވެ. އެގޭގައި 6 އަހަރުގެ ކުއްޖާގެ އިތުރުން 5 ކުދިން އުޅެއެވެ. އެއީ 6 އަހަރުގެ ކުއްޖާއާ އެއްބަނޑު ދެބެންނާއި އެ ކުއްޖާގެ ބޮޑުދައިތަގެ ތިން ދަރިންނެވެ. އުމުރު ފުރާއަށް ބަލާ ނަމަ އެގޭގައި 8 އަހަރުގެ އަންހެން ކުއްޖަކާއި، 8 އަހަރުގެ ފިރިހެން ކުއްޖަކާއި، 7 އަހަރުގެ އަންހެން ކުއްޖަކާއި، 5 އަހަރުގެ ފިރިހެން ކުއްޖަކާއި، 1 އަަހަރުގެ އަންހެން ކުއްޖެއް އިނދެއެވެ. މީގެ ތެރެއިން 6 އަހަރު ކުއްޖާގެ އެއްބަނޑު ކުދިންނަކީ 8 އަހަރުގެ އަންހެން ކުއްޖާއާއި 1 އަހަަރުގެ އަންހެން ކުއްޖާއެވެ.

6 އަހަރުގެ ކުއްޖާއަށް ނުރައްކަލަކަށް އެ މާހައުލު ވާކަމަށް ވާނަމަ އެގޭތެރޭގައި އިތުރު 5 ކުދިން ތިބިއިރު އެ ކުދިންނަށް ނުރައްކަލެއް ނެތީތޯ އެއީ އުފެދޭ ސުވާލެް ނޫން ހެއްޔެވެ. އަދި އުމުރުން ދުވަސްވީ ބަލި ހާލުގައި އޮތް 72 އަހަރުގެ އަންހެން މީހާ އެއޮތީ ވެސް ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމާ މެދުވެސް ސުވާލު ނުއުފެދޭ ހެއްޔެވެ. އެގޭގައި ދިރިއުޅޭ އަނެއް 5 ކުދިންނަކީ ވެސް 6 އަހަރުގެ ކުއްޖާގެ މާމައަށް މާމަ ކިޔާ ކުދިންނެވެ. އެހެން ކަމުން މިއީ ސުވާލު އުފެދޭ ބޮޑު މައްސަލައެއް ނޫން ހެއްޔެވެ.

ތިންބެއިން ފާރުގައި ކުރާހާ އަތްތިލަ ޕްރިންޓް ކޮށްފައި

'ދަ ޕްރެސް' އާ ވާހަކަ ދައްކަމުން، ކުއްޖާ، ބައްޕަ ކައިރިއަށް ދާން ބޭނުންނުވާ ކަމަށާއި މަންމައާ މާމަމެންނާ ދުރުގައި ނޫޅެވޭނެ ކަމަށް ބުނާ ބުނުމަކީ ވެސް ސުވާލު އުފެދޭ ކަމެއް ނޫން ހެއްޔެވެ.

6 އަހަރު ކުއްޖާ، ބައްޕަ ގެންދިޔަ މައްސަލައިގައި ކުއްޖާގެ މަންމައާއި ބައްޕަގެ އިތުރުން ކުއްޖާއަށް ކިޔަވައިދިން ޓީޗަރުންނާ ރަށުގެ އެހެނިހެން މީހުންނާ 'ދަ ޕްރެސް' އިން ވާނީ އިންޓަވިއު ކޮށްފައެވެ. މި އިންޓަވިއުގައި ކުއްޖާގެ މަންމައާއި ބައްޕަގެ އެތައް ޝަކުވާތަކެއް ވާނީ ގެނެސްދީފައެވެ.