ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ މަސްލަހަތަށް ބެއްލެވުމަށްފަހު ކަމަށާއި އިސްތިއުފާ ދެއްވީ މިދުވަސްވަރު ފެންމަތިވެފައިވާ މައްސަލަތަކާއި ފެންމަތިވަމުންދާ މައްސަލަތަކުގައި އެއްވެސް އިހުމާލެއް ވެވަޑައިގެންފައި އޮވެގެން ނޫން ކަމަށް މިއަދު ޖެންޑާ މިނިސްޓަރުކަމުން އިސްތިއުފާދެއްވި ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ޝިދާތާ ނެރުއްވާފައިވާ ނޫސް ބަޔާނުގައި ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ހައިސިއްޔަތުން ރާއްޖެއަށާއި ރައްޔިތުންނަށް ހިދުމަތް ކުރއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި ނުހަނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް މަސައްކަތް ކުރައްވައިފައި ވާނީ އޭނާއަށް ލިބިވަޑައިގެންފައިވާ އިލްމާއި ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ ދަރަޖާގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބޮޑެތި ގޮންޖެހުންތަކާއެކުވެސް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ މުއްދަތުގައި ކުޑަކުދިންނާއި އަންހެނުންނާއި އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހާލަތު ރަގަޅު ކުރުމަށާއި ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމުގައި ގިނަ ކާމިޔާބީތައް ހޯދިފައިވާކަން އުފަލާއެކު ފާހަގަކުރަން، މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދިވެހި އަންހެނުންނާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ދިމާވަމުންދާ ބޮޑެތި މައްސަލަތައް ހުރުމާއެކުވެސް އެފަދަ ކަންކަމާ މީގެކުރިން އަޅާލެވިފައިނުވާ މިންވަރަށް އަޅާލެވި ދެމެހެއްޓެނިވި ހައްލުތައް ހޯދުމުގެ މަސައްކަތް ފެށިފައިވުން،" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދެމުން އަންނަ ނުތަނަވަސްކަމާއި މި ސަރުކާރުގެ ކުރިން ވޭތުވެދިޔަ 10 ވަރަކަށް އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހު އިންތިހާއަށް ހަލަބޮލިވެ އިޖުތިމާއީ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކާނެ ފުރުސަތު ނުލިބި އޮތްއޮތުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

"ކުރިން ހިނގަމުން އައި އެހެންނަމަވެސް އެއިރު ސަރުކާރާއި އަދި ރައްޔިތުންގެވެސް ސަމާލުކަން ނުލިބިހުރި މައްސަލަތައް އިންތިހާއަށް އިތުރުވެ ރައްޔިތުން ސަރުކާރާއި މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ މި ވަގުތު އެންމެ މަސްލަހަތު ހުރިގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުންކަމުގައި ގަބޫލުކުރެވޭތީ ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވައިފިން، ނަމަވެސް އަޅުގަނޑު މިނިންމުން މިނިންމީ މިދުވަސްވަރު ފެންމަތިވެފައިވާ އަދި ފެންމަތިވަމުން އަންނަ މައްސަލަތަކުގައި އަޅުގަނޑާއި އަޅުގަނޑާއެކު މަސައްކަތް ކުރެއްވި ޓީމުގެ އިހުމާލެއް ނުވާނެ ކަމާއި އެފަދަ އިހުމާލެއް ނެތްކަން އެކިއެކި ތަހުގީގްތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ހޯދުންތަކުން ކުރިއަށް އޮތްތަނުގައިވެސް ހާމަވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތުމާވެސް އެކުގަ،" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ، ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިއަސް ވޭތުވެދިޔަ ދުވަސްތަކެކޭ އެއްގޮތަށް ސިޔާސީ ދާއިރާގައި ދިވެހި ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އަދާލަތު ޕާޓީ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ޕާޓީގެ އާންމު މެންބަރުންނާއެކު ދެމި ހުންނަވާނެ ކަމަށެވެ.