ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކޯލިޝަން ރޫޅުމުގެ ރަސްމީ އިހްތިފާލުތައް ފެށިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު އިސްތިއުފާ ދެއްވައި، އެ މަގާމަށް ކުރީގެ ޖެންޑާ މިނިސްޓަރު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. ޝިދާތާއަކީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އެކަމަށް ފާޑު ވިދާޅުވެ ނިހާން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، މި ސަރުކާރުގެ ކޯލިޝަން ރޫޅުމުގެ ރަސްމީ އިހްތިފާލުތައް ފެށިއްޖެ ކަމަށެވެ.

ޖެންޑާ މިނިސްޓަރު، ޝިދާތާ މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އިއްޔެ ނިންމާފައި ވަނިކޮށް، މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ. ޝިދާތާ އިސްތިއުފާ ދެއްވާކަން ވިދާޅުވެފައި ވަނީ ރޭގެ ވަގުތެއްގައެވެ. އަދި ރޭގެ ވަގުތެއްގައި މަގާމުން ވަކިވެވަޑައިގަތުމަށް ރައީސް ސޯލިހަށް އިސްތިއުފާގެ ސިޓީވެސް ވަނީ ފޮނުއްވާފައެވެ.

އެމްޑީޕީގެ ޕީޖީން ޝިދާތާ މަގާމުން ވަކިކުރަން ފާސްކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ އަހުމަދު ހިޝާންއަށް އެ ތުހުމަތުތައް ކުރެވޭއިރު އެމްބެސަޑަރުކަން ދިން މައްސަލާގައި އިހުމާލުވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

މައްސަލަ ހުށަހަޅުއްވަމުން މެންބަރު މީކާއީލް ވިދާޅުވެފައި ވަނީ ދުނިޔޭގެ ލަދަށްވެސް ޝިދާތާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި، ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ހިޝާނަށް ކުރެވޭ ކަން އެނގި ތިބެ، އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިން މައްސަލައާއި، 19 އަހަރުގެ މީހެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނަގައި ނުދިނުމުން ވެސް ހިޝާން އެ ޒުވާނާ ގޮވައިގެން އުޅުނު އިރު، އޭނާގެ ހިމާޔަތުގައި މިނިސްޓްރީން އެއްވެސް ކަމެއް ނުކޮށް އޮތުން ފާހަގަ ކޮށްފައި ވެއެވެ.

އިއްޔެގެ މަޖިލީހުގެ ތަޅުން ހޫނުވެ، ގިނަ މެންބަރުން ޝިދާތާގެ އިސްތިއުފާއަށް ގޮވާލެއްވި އިރު ބައެއް މެންބަރުން ވަނީ ޝިދާތާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންވެސް ގޮވާލައްވާފައެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަލް ލަތީފު ވިދާޅުވީ މި ޒާތުގެ ކަންކަން ހިނގަމުން ދާއިރު މަޑުން ނުތިއްބެވޭނެ ކަމަށާ މިނިސްޓަރު އިސްތިއުފާ ދެއްވުމަށެވެ.

ޖިންސީ ގޯނާކުރުމުގެ އެތައް މައްސަލައެއް މިފަހަކަށް އައިސް ފެންމަތި ވެފައިވާއިރު މިއިން އެއްވެސް ކަމަކަށް އެދެެވޭ ފިޔަވަޅެއް ޖެންޑާ މިނިސްޓްރީން އަޅާފައިނުވާ ކަމަށް ބުނެ އާންމުންވެސް ވަނީ ނުރުހުން ފާޅުކޮށް ޝިދާތާގެ އިސްތިއުފާއަށް ގޮވާލާފައެވެ.