ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ހުކުމް ތަންފީޒު ކުރުން ލަސް ކުރެވެން ނެތް ކަމަށާއި، އަދި ބެއިލް ދެވެން ނެތް ކަމަށް ނިންމައިފިއެވެ.

މިފަދައިން ނިންމާފައި ވަނީ މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާ، އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅުމާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައެވެ. މި މައްސަލައިގެ އިސްތިއުނާފުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ހުކުމް ތަންފީޒު ކުރުން ލަސް ކުރުމަށާއި، ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އަމުރަކަށް ވެސް އެދިފައެވެ. މިއަދު މި މައްސަލާގައި އަޑުއެހުމެއް ބޭއްވީ، މި ދެކަމަށް ގޮތް ނިންމުމުގެ ގޮތުންނެވެ.

ކަފާލާތު ދެވޭކަށް ނެތް

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލެވެން ނެތް ކަމަށް މިއަދު ހައިކޯޓުގައި ނިންމާފައި ވަނީ މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލާގެ ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔަރު ހުސެއިން ޝަހީދާއި، ފަނޑިޔާރު މުހައްމަދު ނިޔާޒު ހުންނަވާއިރު، އިސް ފަނޑިޔާރެއްގެ ގޮތުގައި ހުންނަވަނީ ފަނޑިޔާރު ހުސެއިން މަޒީދެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކުރުމާ ބެހޭގޮތުން ފަނޑިޔާރު މަޒީދު ވިދާޅުވީ، ހުކުމެއް އިއްވާ، ތަންފީޒު ކުރަމުންދާ މީހަކު ކަފާލާތުގެ ދަށުން ދޫކުރެވޭނެ ގާނޫނީ ސަބަބެއް ފެނިވަޑައިނުގަންނަ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުގައި އެއީ އަސާސީ ހައްގެއް ކަމަށް ކަނޑައަޅާފައި ނުވާއިރު، ގާނޫނުން ޖަލަށްލާ މީހަކު ޖަލުން ނެރެވޭނީ ވެސް ގާނޫނުން ކަމަށް ފަނޑިޔާރު މަޒީދު ވިދާޅުވިއެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ، ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ، އެއީ ފަނޑިޔާރުންގެ އިހްތިޔާރުގައިވާ ކަމެއް ކަމަށެވެ. އަދި އެގޮތުންގެ މަތިން މީގެ ކުރިން ވެސް ބައެއް ފަރާތްތައް ދޫކޮށްފައިވާކަމަށް ވިދާޅުވެ އޭނާ ވަނީ ފާރިސް މައުމޫނާ، ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ގާސިމް އިބްރާހިމްގެ މައްސަލަ ފާހަގަ ކުރައްވާފައެވެ. ނަމަވެސް ފަނޑިޔާރު ނިޔާޒް ވިދާޅުވީ އެ މައްސަލަތަކުގައި ވެސް ފަނޑިޔާރުން އިހްތިޔާރު ބޭނުންކޮށްފައި ވަނީ ކޮން ކަމަކަށް ބުރަވެ ކަން ފެންނަން ނެތް ކަމަށެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ، ހައިކޯޓަށް ކަފާލާތުގެ ފައިސާގެ ގޮތުގައި 5 މިލިއަނަށްވުރެ މަދު ނޫން އަދަދަކަށް ފައިސާ ދީފިނަމަ، ކަފާލާތް ނުދެވެންވީ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް، ޖެނުއަރީ 28 ވަނަ ދުވަހުގެ ބޭއްވި އަޑުއެހުމުގައި ޖަލުގައި ހުރެގެން 5 މިލިއަން ޑޮލަރު ނުހޯދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަން ފާހަގަކޮށް، ނިޔާޒް ވިދާޅުވީ، ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލެވެން ނެތް ކަމަށެވެ.

ހުކުމް ތަންފީޒު ކުރުން ލަސް ކުރުމުގެ އަމުރެއް ނެރެވޭކަށް ނެތް

ހުކުމް ތަންފީޒުކުރުން ލަސް ކުރުމަށް އަމުރު ކުރާނެ ޖާގައެއް ނެތް ކަމަށް ނިންމީ، ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. މިއަދުގެ އަޑުއެހުމުގައި ތިން ފަނޑިޔާރުންގެ ރައުޔު އިއްވާފައިވާއިރު، ހުކުމް ތަންފީޒު ކުރުން ލަސް ކުރުމަށް އަމުރެއް ނެރެން ނުފެންނަ ކަމަށް ވިދާޅުވީ، ފަނޑިޔާރު ނިޔާޒާއި ފަނޑިޔާރު މަޒީދެވެ. މިކަމާ ގުޅިގެން ފަނޑިޔާރު ޝަހީދު ވިދާޅުވީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ލަސް ނުކުރެވެންވީ ސަބަބެއް ނުފެންނަ ކަމަށެވެ.

ހުކުމް ތަންފީޒު ކުރުން ލަސް ކުރުމުގެ އަމުރެއް ނެރެވޭކަށް ނެތް ވިދާޅުވެ ފަނޑިޔާރު މަޒީދު ވިދާޅުވީ، ހުކުމް ތަންފީޒު ކުރުން ލަސް ކުރުމާ ބެހޭ އަމުރެއް ނެރުމަކީ ފަނޑިޔާރަށް ލިބިފައިވާ ބާރެއް ކަމަށެވެ. ނަމަވެސް ޖިނާއީ ކުށެއްގެ ހުކުމެއް ލަސް ކުރެވޭނީ ގާނޫނެއްގައި އެކަން އޮވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވަނީ ފަނޑިޔާރުންނަށް ގޮތް ނިންމޭނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ވެސް ވިދާޅުވެފައެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ، ހުކުމް ތަންފީޒު ކުރުން ލަސްކުރުމާ ބެހޭގޮތުން ގޮތް ނިންމޭނީ މައްސަލައިގެ ކުޑަބޮޑު މިނަށާއި، ކުށުގެ ބުރަދަށް ރިއާޔަތްކޮށްފައި ކަމަށެވެ. އޭނާ ވަނީ މި މައްސަލައިގައި ބަހުސް ކުރަމުން ރައީސް ޔާމީންގެ ފަރާތުން ފާހަގަކޮށްފައިވާ ބޭރުގެ ދެ މައްސަލައަކަށް އަލިއަޅުވާލައްވާފައެވެ. އަދި އެ ދެ މައްސަލައަކީ، މާރާމާރީއެއްގެ މައްސަލައެއް ކަމަށާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ކަން ފާހަގަކޮށް ފަނޑިޔާރު ނިޔާޒު ވިދާޅުވީ، އެ ކުށްތަކާއި މަނީ ލޯންޑާ ކުރުމުގެ ކުށާ އަޅުވާ ކިޔާނެ ޖާގައެއް ނެތް ކަމާށެވެ. މީގެ އިތުރުން އޭނާ ވަނީ، ކުށްވެރިވެ ޖަލަށް ލާފައިވަނީ މިފަދަ ކުށްތައް ހުއްޓުވުމުގެ ޒިންމާ އޮތް އެންމެ މަތީ ފަރާތްކަން ވެސް ފާހަގަކޮށްފައެވެ.

މި މައްސަލާގައި ރައީސް ޔާމީނަށް ހުކުމް ތަންފީޒު ކުރުން ލަސް ކުރުމުގެ އަމުރެއް ދިނުމަށް ފެނިވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ޝަހީދު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މީގެ ކުރިން ވެސް ސުޕްރީމް ކޯޓުން މިފަދަ އެތައް އަމުރެއް ނެރެފައިވާ ކަމަށެވެ. އަދި ދަށުކޯޓުގެ މަރުހަލާގައި ވެސް ރައީސް ޔާމީން މިނިވަންކޮށް ހުންނެވިކަން ފާހަގަކޮށް އޭނާ ވަނީ ޔާމީނަކީ ނުރައްކާތެރި ކުށްވެރިއެއްކަމަށް ދައުލަތަށް ބުނެވިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގެ އިތުރު ޝަރީއަތެއް ނުވަރަ އިތުރު ޝަރީއަތްތަކެއް މިމަހު ބާއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ބުނެފައެވެ.