މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތެއް އަންނަ ބުރާސްފަތި ދުވަހަށް ހައި ކޯޓްގައި ތައާވަލުކޮށްފިއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެ މައްސަލައިގެ ފުރަތަމަ އިސްތިއުނާފް އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ އެމަނިކުފާނުގެ އިސްތިއުނާފު ޝަރީއަތެއް މި އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހައި ކޯޓުން ތައާވަލް ކޮށްފައިވާ ކަމަށާއި އެކަން އެބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ. ޝަރީއަތް ތައާވަލް ކޮށްފައިވަނީ އެދުވަހުގެ 9:55 އަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެދުވަހުގެ ޝަރީއަތުގައި ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމާއި ގުޅޭގޮތުން ގޮތް ނިންމާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޝަރީއަތުގައި އިސްތިއުނާފީ ނުކުތާތަކާ ގުޅޭ ގޮތުން ދެފަރާތުން ވާހަކަ ދެއްކުން އޮންނާނެ ކަަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެންމެ ފަހުން ބޭއްވި އިސްތިއުނާފުގެ ޝަރީއަތުގައިި ރައީސް ޔާމީންގެ ފަރާތުން އެދިފައި ވަނީ ބެއިލް ދިނުމަށާއި ހުކުމް ތަންފީޒު ކުރުން ލަސް ކުރުމަށެވެ. ބެއިލް ކުރުމާ ބެހޭގޮތުން ދެފަރާތުން ބަހުސް ކުރުމަށްފަހު ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާ ކުރުމަށް ފަހު ވަރަށް އަވަހަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ބުނެފައެވެ.

އެދުވަހުގެ ޝަރީއަތުގައި ރައީސް ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ކުށްވެރިވުމުގެ ކުރިން ކަފާލާތަށް އެދުމަކީ ގާނޫނު އަސާސީއާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް ލިޔެފައިވާ ކަމަށެވެ. ނަމަވެސް ކުށްވެރިވުމަށް ކަފާލާތަށް އެދިވެދާނެ ކަމަށް އެއްވެސް ގާނޫނަކު ލިޔެފައި ނެތެވެ. ނަމަވެސް ގާނޫނު އަސާސީއަށް ބެލުމުން ކުށްވެރިންނަށް ވެސް ކަފާލާތުގެ ހައްގަކީ އޮތް ހައްގެއްކަން އެނގޭ ކަމަށެވެ.

އެގޮތުން އަމިއްލަ މިނިވަން ކަމަކީ ގާނޫނު އަސާސީއިން ލިބިދޭ ހައްގަކަށްވާއިރު ގާނޫނު އަސާސީގައި ބަޔާން ކުރާ އަސާސީ ހައްގެއް ގާނޫނަކު ލިޔެފައި ނެތޭ ކިޔައި ހަނި ނުކުރެވޭނެ ކަމަށެވެ

ޖަމީލް ވިދާޅުވީ އިސްތިއުނާފީ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކުރުމަކީ ބޭރުގެ އެހެން ގައުމުތަކުން ވެސް އަމަލު ކުރާ ކަމެއް ކަމަށާއި އެއީ ގިނަ ބަހުސްތަކެއް ކުރެވި ގޮތްތަކެއް ނިމިފައިވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ކޯޓުތަކުން ގޮތް ނިންމާއިރު ދިމިގްރާތީ މުޖުތަމައުތަކުން އަމަލު ކުރާ އުސޫލުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ގާނޫނު އަސާސީ ލާޒިމް ކުރާ ކަމަށެވެ.

ޖަމީލުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ ކުށްވެރިންނަށް ކަފާލަތަކީ އަސާސީ ހައްގެއް ނޫން ކަމަށެވެ. އަސާސީ ހައްގުތައް ގާނޫނު އަސާސީގައި ލިޔެފައިވާ ކަމަށާއި ކުށްވެރިންނަށް އެ ހައްގު އޮތް ކަމަކަށް ނެތް ކަމަށެވެ. އޭގެ އިތުރުން ވެސް ކަފާލަތް ކުށްވެރިންނަށް ދިނުން ގާނޫނީ ނިޒާމްގެ ތެރޭގައި ވެސް ނެތް ކަމަށެވެ. އަދި އެއީ އެއްވެސް ގައުމެއްގައި ވެސް އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.