ހާމައަށް ކުނި އެންދުން ހުއްޓާލައި އެ ކުނިތައް އަލުން ބޭނުން ކުރެވޭގޮތަށް ބ.މާޅޮހުގައި ތަރައްގީ ކޮށްފައިވާ "އީކޯ ސެންޓްރޯ" މިއަދު ހުޅުވައިފިއެވެ.

ކުނި އެންދުން ހުއްޓާލައި ކުނިން ނަފާ ހޯދުމަށް ގާއިމް ކޮށްފައިވާ އީކޯ ސެންޓްރޯ އަކީ ރާއްޖޭގައި މިފަދަ ސެންޓަރެއް ގާއިމް ކުރި ފުރަތަމަ ފަހަރެވެ.

މިސެންޓަރު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިންގެ އިތުރުން މަޖިލީހުގެ މެންބަރުން އަދި އެރަށުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

މި މަޝްރޫއަކީ "ނަމޫނާ ބ."ގެ ނަމުގައި ވެފައިވާ އެ އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއުތަކެކެވެ. "ނަމޫނާ ބ."ގެ އެއްބަސްވުމަކީ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ފެށި ހަރަކާތެކެވެ. މި ހަރަކާތް ފެށުމަށް ސޮއިކޮށްފައިވަނީ މިދިޔަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މާޅޮހާއި ދަރަވަންދޫއާ ކިހާދޫގެ އިތުރުން ސޮނެވާފުށި އަދި ޔޫކޭގެ އެންޖީއޯއެއް ކަމަށްވާ ކޮމަން ސީސްއެވެ.

އެއްބަސްވުމުގެ ދަށުން މާޅޮހުގެ އިތުރުން ކިހާދޫ އަދި ދަރަވަންދޫގައިވެސް އީކޯ ސެންޓްރޯ ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ.

އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ ކުނީގެ މައްސަލައަކީ މުޅި ގައުމަށް ދިމާވެފައިވާ މުސީބާތެއް ކަމަށެވެ. އަދި މިކަން ސަލާމަތްވުމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަަމަށެވެ.

"ފަރުތަކުގެ މައްޗަށް ކުނި ގަދަވެއްޖެ، ގޮނޑުތަކުގެ މައްޗަށް ގަދަވެއްޖެ، ރަށުތެރެ މުޅިން ހަރާބުކޮށްފި،" ނަޝީދު ވިދާޅުވިއެވެ.

ވޭތުވެދިޔަ ސަރުކާރުތަކުންވެސް އަދި އޭގެ ކުރީގެ ސަރުކާރުތަކުންވެސް މިމައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މާބޮޑު ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މާޅޮހަށް ވަޑައިގެން / ފޮޓޯ: ދަ ޕްރެސް

ނަޝީދު ވިދާޅުވީ މާޅޮހުގައި މިއަދު އެކޯ ސެންޓްރޯއެެއް ގާއިމް ކުރެވިގެންދިޔައީ ރަށް ކުޑަވުމުން ނޫން ކަމަށެވެ. އެކަން ވެގެންދިޔައީ ރައްޔިތުންނާއި ކައުންސިލުން އެކަމަށް މަސައްކަތް ކުރުމުންނެވެ.

މިކަމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކުރެވޭނެ ކަމެއް ކަަމަށާއި ބޭނުންވަނީ ކައުންސިލުންނާއި ރައްޔިތުން މިިކަމަށް އިސްނެގުން ކަމަށެވެ. އަދި އެކަމަަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް މަދު ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ސޮނޭވާ ފުށީގެ ވެރިޔާ ސޯނޫ ޝިވްދަސާނީ ވިދާޅުވީ މާޅޮހަކީ ކުނި އެންދުން ހުއްޓާލި ރާއްޖޭގެ ފުރަތަމަ ރަށް ކަމަށާއި އޭގެ ސަބަބުން ސާފު ވައި ލިބި ތިމާވެއްޓަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ ކަމަށެވެ. އަދި ވިދާޅުވީ މި ޕްރޮޖެކްޓް މެދު ކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

މާޅޮހުގައި ކުނި މެނޭޖް ކުރަމުން އަންނަނީ އެރަށު ކައުންސިލުންނެވެ. ސެންޓްރޯއަށް އަހުލުވެރި ކުރުވުމުގެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިރަށުގެ ގޭގެއިން ކުނި ނަގައިގެން ސެންޓްރޯއަށް ގެންދަނީ އެކި ވައްތަރުގެ ކުނި ވަކިކޮށްގެނެވެ. އަދި އެއަށްފަހު އެކުނިތައް އަލުން ބޭނުން ކުރެވޭ ގޮތަށް ބަދަލު ކުރެއެވެ.

ރައީސް ނަޝީދު ހަރުބަޖަން ސިންގާއެކު / ފޮޓޯ: ދަ ޕްރެސް

މިރަށު ކައުންސިލުން މީގެ ކުރިން އަންނަނީ އުކާލާ ކުނީގެ ބާވަތްތައް ބޭނުންކޮށްގެން ގަސްކާނާ އުފައްދައި ވިއްކަމުންނެވެ. ސެންޓްރޯއާއެކު އުކާލާ ލަކުޑީގެ ބާވަތްތަކުން ޗާކޯލް ހަދާނެއެވެ. އަދި ޕްލާސްޓިކް ކުނި ޕާލޭއަށް ހަދިޔާ ކުރާއިރު ދަގަނޑުގެ ބާވަތްތައް ވިއްކާލަނީއެވެ.

މިއަދުގެ ރަސްމިއްޔާތު ނިންމާލާފައިވަނީ ހާއްސަ ކުރިކެޓް މެޗަކަށްފަހުއެވެ. މި މެޗްގައި ރައީސް ނަޝީދާއެކު އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ހަރުބަޖަން ސިންގް ކުޅުނެވެ. މެޗު އޮތީ މި ރަށުގައި ކުރިން ކުނި އަންދަން ބޭނުން ކުރި ކުނި ގޮނޑު އޮތް ސަރަހައްދުގައެވެ.