ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުން އަންނަ ގައުމުތަކުގައި ތިބި ދިވެހިންނަށް ހެޔޮ އަގުގައި ގުޅާލެވޭނެ ގޮތް އުރީދޫއިން ހަދައިފިއެވެ.
ކޮރޯނާ ވައިރަހާއި ގުޅިގެން އާއިލާތަކަށް ކުރިމަތިވެފައިވާ ހިތާމަވެރި ދަނޑިވަޅުގައި އެ އާއިލާތަކާ އެކުގައި އުރީދޫވެސް ވާކަން ފާހަގަކޮށް އެ ކުންފުނިން ބުނީ އެންމެ ބޮޑަށް ކޮރޯނާ ފެތުރެމުން އަންނަ ގައުމުތަކުގައި ތިބި ދިވެހިންނަށް ހެޔޮ އަގެއްގައި ގުޅާލެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ޗައިނާއާއި ތައިލެންޑާއި މެލޭޝިއާ އަދި ސިންގަޕޫރުގައި ތިބި ދިވެހިންނަށް ހެޔޮ އަގެއްގައި މިހާރު ގުޅާލެވޭނެއެވެ.
އެގޮތުން މި މަހުގެ 9ވަނަ ދުވަހާ ހަމައަށް އެގައުމުތަކަށް ގުޅާ، އުރީދޫ ކަސްޓަމަރުންގެ އަތުން ކަނޑާނީ މިނެޓަކަށް 1.50 ލާރި ކަމަށް އުރީދޫއިން ބުންޏެވެ.
މި ހަތަރު ގައުމަކީވެސް ދިވެހިން ވަރަށް ގިނައިން ގޮސް އުޅޭ ގައުމުތަކެކެވެ. ހާއްސަކޮށް މެލޭޝިޔާއަކީ ދިވެހިން ގިނަ އަދަދަކަށް ތައުލީމު ހާސިލު ކުރުމަށް ގޮސް އުޅޭ ގައުމެކެވެ. އަދި ތައިލޭންޑަކީ ވިޔަފާރީގެ އެކިއެކި ބޭނުންތަކަށް ދިވެހިން ގިނައިން ގޮސް އުޅޭ ގައުމެކެވެ. ޗައިނާގައި ތިބި ދިވެހިންގެ ތެރެއިން ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގައި ތިބި 9 ދިވެއްސެއްގެ ތެރެއިން ހަތް ދިވެއްސަކު އަނބުރާ ރާއްޖެ އަންނަން އެދުމުން އެމީހުން ރާއްޖެ ގެނައުމުގެ ފުރަތަމަ މަރުހަލާ މިއަދު ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އެގޮތުން ވޫހާން ސިޓީން އެމީހުން ނެރެ އަވަށްޓެރި އިންޑިއާގެ ނިއު ދިއްލީގައި މިހާރު އެމީހުން ތިބީ ކަރަންޓީން ކޮށްފައެވެ. ސަރުކާރުން ބުނީ އެމީހުން ރާއްޖެ ގެނެވެގެން އޮތީ ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށްފަހު ކަމަށެވެ.