އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހަ މަޝްރޫއެއް ފެށުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ހަ މަޝްރޫއުގެ ތެރެއިން ފަސް ޕްރޮޖެކްޓެއް ކުރިއަށް ގެންދާނީ އައްޑޫ ސިޓީގައި ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންތަކެއް ގޮތުގައި ތަރައްގީ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. މި ޒޯނުތައް ތަރައްގީ ކުރަނީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގައެވެ.

އެ މިނިސްޓްރީން ބުނީ ހަ ވަނަ މަޝްރޫއަކީ ހއ. ހޯރަފުށީގައި ބިއްލޫރި ފެން ފުޅި އުފައްދާ ފެން ޕްލާންޓެއް ގާއިމުކުރުމަށް ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

މަޝްރޫއުތަކުގެ ތަފްސީލް ދެއްވައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ސަބަބުން އެ ސަރަހައްދަށް އަމިއްލަ ފަރާތްތަކުން ކުރާ ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެ ކަމަށެވެ. އަދި އެ ހުރިހާ މަޝްރޫއުތަކަށް 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ހޯރަފުށީގައި ކުރިއަށް ގެންދާ މަޝްރޫއުގެ ސަބަބުން ސަރުކާރުގެ އިދާރާތަކަށާއި، އޮފީސްތަކުގެ އިތުރުން އާންމު ތަންތަނަށް ބިއްލޫރު ފުޅީގައި ބަންދުކުރާ ފެން ފޯރުކޮށްދެމުން ދާނޭ ކަމަށެވެ. އެ މަޝްރޫއުގެ ސަބަބުން ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެއިން ނައްތާލުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ޕްރޮޖެކްޓު ކުރިއަށް ގެންދެވިއްޖެ ނަމަ މިހާރު ރާއްޖޭއަށް ދިމާވެފައިވާ ސިންގަލް ޔޫސް ޕްލާސްޓިކުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ. އަޅުގަނޑު މި ދަނޑިވަޅުގައި ފާހަގަކޮށްލަން ބޭނުންވަނީ މި މަޝްރޫއުތަކަކީ ރާއްޖެއަށް ނުހަނު ފައިދާކުރުވަނިވި އަދި ބޭނުންތެރި މަޝްރޫތަކެއް ކަމަށް. އަދި މިފަދަ މަޝްރޫތަކަށް އިންޑިއާގެ ފަރާތުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިންޑިއާ ސަފީރު ސަންޖޭ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއްގައި ފުރިހަމައަށް އެއްބާރުލުންދީ، ކަންކަން ކޮށްދިނުމުގައި އިންޑިއާ އިން އަބަދުވެސް ސާބިތުވެ އޮންނާނެ ކަމަށެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަންޖޭ ވިދާޅުވީ، އެ މަޝްރޫތައް ކުރިއަށް ގެންދިއުމުގެ ބާރު މިހާރު އޮތީ އައްޑޫ ސިޓީ ކައުންސިލާއި ހޯރަފުށީ ކައުންސިލްގެ އަތް މަތީގައި ކަމަށެވެ. އެފަރާތްތަކުން ބޭނުންވާ ނަމަ މާދަމާވެސް އެ މަޝްރޫތައް ކުރިއަށް ގެންދެވިދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

"ރާއްޖެއިން ބޭނުންވާ ކޮންމެ ކަމަކަށް މީގެ ކުރިންވެސް އަޅުގަނޑުމެން ވާނީ އެއްބާރުލުން ފޯރުކޮށްދީފައި. އެހެންވީމަ ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންނަށް ވެވެން އޮތް ހުރިހައި ގޮތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނަން." ސަންޖޭ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާ އާއި ރާއްޖެއާ ދޭތެރޭގައި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފަ އެވެ. އިންޑިއާއަކީ މިހާރު ރާއްޖެ އަށް އެންމެ ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ގައުމެވެ.