ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއިން ދިވެހި އެންމެހާ ރައްޔިތުން ސަލާމަތްވުން އެދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދުއާ ކުރައްވައިފިއެވެ.

ގާސިމް އޭނާގެ ޓްވީޓާގައި ވަނީ ކޮރޯނާ ވައިރަސް ގެ ނުރައްކާތެރިކަމުންނާއި، އަދި މިފަދަ އެހެނިހެން ނުރައްކާތެރި ރޯގާތަކާއި، އާފަތްތަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރައްވައި، އަވަސް ޝިފާއާއި، ރައްކާތެރިކަމާއި އަމާންކަން މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރައްވާފައެވެ.

"ޔާ الله! ކޮރޯނާ ވައިރަސް ގެ ނުރައްކާތެރިކަމުންނާއި، އަދި މިފަދަ އެހެނިހެން ނުރައްކާތެރި ރޯގާތަކާއި، އާފަތްތަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރައްވައި، އަވަސް ޝިފާއާއި، ރައްކާތެރިކަމާއި އަމާން ކަން އަޅަމެންނަށް މިންވަރު ކޮށްދެއްވާނދޭވެ، އާމީން،" ގާސިމްގެ ޓްވީޓުގައިވެއެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިގެން ދިޔައީ ޗައިނާގެ ވޫހާން ސިޓީންނެވެ. އެ ސިޓީ މިހާރު ވަނީ ބަންދު ކޮށްފައެވެ. އެ ސިޓީގައި ދިވެހި 9 މީހަކު ތިބިއިރު އޭގެތެރެއިން ރާއްޖެ އަންނަން ބޭނުންވެގެން 7 މީހަކު ވަނީ ސަރުކާރުގައި އެދިފައެވެ. ނަމަވެސް ދެން ތިބި ދެ މީހުން ރާއްޖެ އަންނާކަށް ބޭނުމެއް ނުވެއެވެ. ސަރުކާރުން ވަނީ އެމީހުން ރާއްޖެ ގެންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިންވެސް ވަނީ ފެނިފައެވެ. އެމީހާ އަކީ ޗައިނާއިން ރާއްޖެ އައި މީހެކެވެ. 20 އަހަރުގެ ދިވެހި އެ ފިރިހެން މީހާ މިހާރު ވަނީ ކ. ފުނަދޫގައި ކަރަންޓީނު ކޮށްފައެވެ.