އެކްޓިވިސްޓުން އެމްބަސީތަކަށް އައްޔަންކުރާތީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

ދުންޔާ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސިޔާސީ އެކްޓިވިސްޓުން އެމްބަސީތަކަށް އައްޔަން ކުރުމަކީ ލަދުވެތިކަމެއް ކަމަށެވެ. މިކަން ދަނީ ކޮންމެ ސަރުކާރެއްގައިވެސް ކުރަމުންކަމަށާއި، ފޮރިން ސާވިސް ގަނޫނު ކޮބައިތޯވެސް ދުންޔާވަނީ ސުވާލް ކުރައްވާފައެވެ.

ދުންޔާ މިހެން ފާޑުވިދާޅުވެފައި ވަނީ، ޖަރުމަން ވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސް މަގާމަކަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން ޝަމީމްގެ ދަރިކަލުން މުހައްމަދު ފަޒީލް ހުސެއިން އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

އެނގިފައިވާ ގޮތުގައި ފަޒީލް އަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހެއްގެ މައްޗަށް 4500 ޔޫރޯ ލިބޭނެކަމަށްވެއެވެ. އަދި ފަޒީލް އަކީ ހާރިޖީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫންކަމަށްވެސް މައުލޫމާތު ލިބެއެވެ.

އަނދުން ހުސެއިން ގެ ދަރިކަލުންނަށް ޖަރުމަން އެމްބަސީގެ މަގާމެއް ހަމަޖައްސާފައިވާއިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުގެ ދަރިކަނބަލުން އަފްނާން މުހައްމަދު ވެސް ވަނީ ދާދިފަހުން އިނގިރޭސި ވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން މަތީ މަގާމެއް ހަމަޖައްސާފައެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދަރިކަލުން ޔަމީން ޝާހިދުވެސް ހުންނަވަނީ ލަންޑަނުގައި ހުންނަ ދިވެހި އެމްބަސީގެ އިސް މަގާމެއްގައިކަން ފާހަގަކޮށްލެވެެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރުގައި ތިބޭ ދިވެހި އެމްބަސީ ތަކަށް ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ވަނީ އައްޔަން ކުރައްވާފައެވެ. މިގޮތުން ގިނައިން އައްޔަންކޮށްފައި ވަނީ އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އާއިލީ ބޭފުޅުންނެވެ.