މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު 5 މިލިއަން ޑޮލަރުން ޖުރިމަނާ ކޮށްފައި ވަނިކޮށް، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ޖޫރިމަނާ ދެއްކޭނޭ ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ނިންމާ އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ. ރައީސް ޔާމީން ވިދާޅުވީ، ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ހައްގު ހުކުމެއް ކަމަށް ދުރާލާ ވިސްނޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

5 އަހަރު ދުވަހު ޖަލަށް ލުމަށް އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމުގައި، ހުކުމް ކުރި ތާރީހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް 5 މިލިއަން ޑޮލަރު ދެއްކުމަށް ވެސް އަންގާފައިވެއެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ޖޫރިމަނާގެ ގޮތުގައި ދައްކަވަން ޖެހޭ 5 މިލިއަން ޑޮލަރު ހޯދޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، އެ ފައިސާ ދެއްކުމަށް ދެން ބާކީ އޮތީ 4 މަހެވެ.

މިއީ ސިޔާސީ ހުކުމެއް، މިއީ "ލާދީނީ" ކަންތައް ކުރުމާއި ސެކިއުލާ ވިސްނުން ފެތުރުމުގެ ބޭނުމުގައި އިއްވި ހުކުމެއް
ރައީސް ޔާމީން

ރައީސް ޔާމީނަށް ދަށު ކޯޓުން ހުކުމް އިއްވާފައިވާއިރު، މި ހުކުމަކީ ނުހައްގުން ކޮށްފައިވާ ހުކުމެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި އިއްވި ހުކުމެއް ކަމަށާއި، އިދިކޮޅު ލީޑަރެއްގެ ގޮތުގައި އެމަނިކުފާނު ހަރަކާތްތެރިވަމުން ގެންދަވާތީ، އިންތިހާބާ ދިމާކޮށް، އިންތިހާބަށް ހުރަސް އެޅުމުގެ މަގްސަދުގައި އިއްވި ހުކުމެއް ކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ، އެމަނިކުފާނު ޖަލުގައި ބަންދުކޮށްގެން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަން ހުރި މަސައްކަތްތަކަށް ހުރަސް އަޅާފައިވާ ކަމަށާއި، އެއީ "ލާދީނީ" ކަންތައް ކުރުމާއި ސެކިއުލާ ވިސްނުން ފެތުރުމުގެ ބޭނުމުގައި ކުރަމުން ގެންދާ ކަމެއް ކަމަށެވެ.

މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ، ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވުމުގެ ސަބަބުން އެމަނިކުފާނަށް ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި ސިއްހީ މައްސަލަތައް ދިމާވެފައިވާއިރު، ޖަލުގައި ހުންނެވުމުގެ ސަބަބުން ހިތުގެ ބައްޔެއް ޑިވެލޮޕްވެފައިވާ ކަމަށާއި، މައި ބަދައިގެ އޮޕަރޭޝަނެއް ވެސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ބޭސް ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށާއި ސްޓްރެސްފުލް މާހައުލުތަކާ ދުރުގައި ހުންނެވުމަށް އަދި ސިއްހީ އެހީތެރިކަން ލިބޭ ތަނެއްގައި ހުންނެވުމަށް ވެސް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތަށް ފަހު މާފުއްޓަށް ގެންދަނީ / ފޮޓޯ ހަސަން އަތޫފް | ދަ ޕްރެސް

ރައީސް ޔާމީން ވިދާޅުވީ، މަނީ ލޯންޑަރިން މައްސަލާގައި ކްރިމިނަލް ކޯޓުން ބޭއްވީ ވަރަށް "އިވެންޓްފުލް" ޝަރީއަތެއް ކަމަށާއި، އެ ޝަރީއަތް 9 މަހަށް ދިގުލައިގެން ދިއުމުން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން، ޝަރީއަތް ކުރިއަށް ދަނިކޮށް ބޭސްފަރުވާއަށް ފުރާ ވަޑައިގެންނެވި ނަމަ، އެކަމާ މެދު ޝައްކު އުފައްދާނެ ބަޔަކު އުޅޭނެތީ އެކަން ނުކުރެއްވީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، މިނިވަންވެ ހުންނެވިއިރު ގަވާއިދުން ޑޮކްޓަރުންގެ ލަފާ ހޯއްދެވި ކަމަށާއި، މިހާރު ޑޮކްޓަރަށް ނުދައްކަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސިއްހީ ހާލަތާ ބެހޭ ގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި މަޝްވަރާ ކޮށްފައިވާއިރު، އެކަމާ ބެހޭ އެއްވެސް ލިޔެކިއުމެއް މިހާތަނާށް ހައި ކޯޓަށް އަދި ޕީޖީއަށް ވެސް ހުށަހަޅާފައެއް ނުވެއެވެ. އެގޮތުން، ރިޔާސަތުން ވަނީ 3 މަސް ދުވަހުގެ ތެރޭގައި މި ލިޔެކިއުންތައް ހުށަހެޅުމަށް އެދިފައެވެ.

ނޫން. ނުދާނަން. ހައިކޯޓުން ހުއްދަ ދީފިނަމަ ނޫނީ ބޭރަށް ނުދާނަން
ރައީސް ޔާމީން

ރިޔާސަތުން ވަނީ ބެއިލް ދީފިނަމަ ބޭސް ފަރުވާ ކުރުމަށް ބޭރަށް ފުރާ ވަޑައިގަންނަވާނެތޯ ރައީސް ޔާމީނާ ސުވާލު ކޮށްފައެވެ. ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ، ހައި ކޯޓުން ހުއްދަ ނުދެނީސް ބޭސް ފަރުވާ ކުރުމަށް ބޭރަށް ފުރާވަޑައިނުގަންނަވާނެ ކަމަށެވެ.

މި މައްސަލާއާ ގުޅިގެން މިއަދު ބެއްވި އިސްތިއުނާފުގެ ޝަރީއަތުގައިި ރައީސް ޔާމީންގެ ފަރާތުން އެދިފައި ވަނީ ބެއިލް ދިނުމަށާއި، ހުކުމް ތަންފީޒު ކުރުން ލަސް ކުރުމަށެވެ. ބެއިލް ކުރުމާ ބެހޭގޮތުން ދެފަރާތުން ބަހުސް ކުރުމަށްފަހު ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާ ކުރުމަށް ފަހު އަވަސް މުސްތަގުބަލެއްގައި އަޑުއެހުމެއް ބާއްވާނެ ކަމަށް ބުނެ، އަޑުއެހުން ނިންމާލާފައެވެ.