ޗައިނާގެ ވޫހާން ސިޓީން ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު އަވަށްޓެރި ސްރީލަންކާއިން ފެނިފައިވާކަން އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ސްރީލަންކާގެ ހެލްތް ޕްރޮޓެކްޝަން ބިއުރޯއިން ބުނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު އެގައުމުން ފެނިފައިވާ ކަމަށެވެ. އަދި އެވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަަޅާފައިވާ ކަމަށާއި އާންމު އެކަމާމެދު ކަންބޮޑުވުނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި، ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ ޗައިނާގެ ހުބޭ ޕްރޮވިންސުން ލަންކާއަށް އެތެރެވި 43 އަހަރުގެ ޗައިނާގެ އަންހެނެކެވެ. އަދި އެމީހާއަށް މިހާރު ދަނީ ލަންކާގެ އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެ ރޯގާގެ އަލާމާތްތަކެއް ހުރުމުން އެންމެ ފުރަތަމަ ހެދި ޓެސްޓްތަކުން އެ މީހާ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިނުވާ ކަމަށެވެ. ނަމަވެސް އިތުރު ޓެސްޓްތަކުން އޭނާ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ޔަގީން ކުރެވިފައި ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.
ލަންކާގެ މައި އެއާޕޯޓް، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެވާ މީހުން ކޮރޯނާ ވައިރަސްއަށް އަންނަނީ ސްކްރީން ކުރަމުންނެވެ.
ސްރީލަންކާގެ ހެލްތް މިނިސްޓްރީއިން މިއަދު ބުނީ އެ ގައުމަށް އެތެރެވި ޗައިނާގެ ދެ މީހަކާއި ލަންކާގެ ރައްޔިތަކު ވެސް ވަނީ ކޮރޯނާ ހުރިކަމަށް ޝައްކު ވެގެން އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި އެ ގައުމަށް އައި ޕާކިސްތާނާއި އިންޑިއާގެ ރައްޔިތެއްގެ ގައިން ހުމުގެ އަސަރު ފެނިގެން އެ މީހުން ވެސް އެކަހެރިކޮށްފައިވާ ކަމަށެވެ.
ލަންކާއިން ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމުގެ އަލާމާތްތައް ފެނިގެން މިދިޔަ ހަފްތާ ވެސް ވަނީ ހަތަރު މީހަކު އެކަހެރިކޮށް ޓެސްޓްތައް ހަދައިފައެވެ. ނަމަވެސް އެއްވެސް މީހަކު ޕޮޒިޓިވެއްނުވެއެވެ.
ސްރީލަންކާ އަކީ ގިނަ އަދަދަކަށް ދިވެހިން ގޮސް އުޅޭ ގައުމެކެވެ. އަދި ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުންދާ ގައުމެކެވެ.
ދުނިޔޭގެ އެކި ހިސާބުތަކަށްމި ވައިރަސް ފެތުރިފައިވާއިރު، މި ކަން ކޮންޓްރޯލް ކުރުމުގެ ނަމުގައި ޗައިނާއިންވަނީ އެގައުމުގައި މިހާރު ފާހަގަކުރަމުންދާ އާ އަހަރުގެ މުނާސަބާއާ ގުޅިގެންދޭ ޗުއްޓީއަށ 3 ދުވަސް އިތުރުކޮށްފައެވެ.
މި ރޯގާ އެންމެ ފުރަތަމަ ފެތުރެން ފެށީ ހޫބޭ ޕްރޮވިންސްގެ އެކި ސިޓީތައް އަދިވެސް ކަރަންޓީންކޮށްފައެވެ. މި ސަރަހައްދުތަކަށް ފޯރުކޮށްދެމުންދިޔަ އާންމު ދަތުރުފަތުރުގެ ހިދުމަތްތައް މެދުކަނޑާލާފައިވާއިރު، އެކި ހިސާބުތަކަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.
ޗައިނާގެ ސިއްހަތާ ބެހޭ އޮފިޝަލުން މިއަދު އާންމުކުރެއްވި މައުލޫމާތަށް ބަލާއިރު ހޫބޭ ޕްރޮވިންސް އިން މަރުވި މީހުންގެ އަދަދު 76 އަށް އަރާފައިވާއިރު އަނެއް 4 މީހުންނަކީ ޗައިނާގެ އެހެން ހިސާބުތަކުން މަރުވި މީހުންނެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއިން މައުލޫމާތު ދޭ ގޮތުގައި، 300 އެއްހާ މީހުން މިހާރު އޮތީ ކްރިޓިކަލް ހާލެއްގައެވެ.