ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާފައި ވަނީ ނުހައްގުން ކަމަށް ހުދު ދިވެހި ރައްޔިތުންވެސް މިއަދު ގޮތް ނިންމައިފައިވާ ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ވިދާޅުވެފައި ވަނީ، އެއް ފަހަރު ޔާމީންގެ ޝަރީއަތް ލައިވްކުރީމައި އޮތީ ސޯޓު ބޭލިފައި ކަމަށާއި، ދެންވެސް ބޭލޭނެތީ އުޅެނީ ލަދުންކަމަށެވެ. އަދި ދިވެހި ރައްޔިތުން އޮތީ ގޮތް ނިންމާފަކަމަށާއި، ރައީސް ޔާމީނަކީ ނުހައްގުން ޖަލުގަ ހުންނެވި ބޭފުޅެއް ކަމަސް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތް މާދަމާ ޓީވީން ލައިވްކޮށް ދައްކަން ނިންމާފައި ނުވާ ކަމަށް ހައި ކޯޓުން ބުނުމާ ގުޅިގެން އެކަމަށް ފާޑު ވިދާޅުވަމުން ނެވެ.
"ދް ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނޭ އާދަމް ޝަމީމް ވިދާޅުވީ މާދަމާ ހެނދުނު 11:00 ގައި ރައީސް ޔާމީންގެ ޝަރީއަތް ކޯޓުގައި ތާވަލް ކުރެވިފައިވާ ކަމަށެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ވަނީ ހުކުމްކޮށްފަ އެވެ. އެ ޝަރީއަތުގެ އަޑުއެހުންތަކެއް ޓީވީން ލައިވް ކުރިއެވެ. އެއީ ރާއްޖޭގައި ޝަރީއަތެއް ލައިވްކޮށް ޓީވީން ދެއްކި ފުރަތަމަ ފަހަރެވެ.
އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ޝަރީއަތް ފަށަން ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނަށެވެ. ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރަން ވެސް އެ މައްސަލާގައި އެދިފައިވެ އެވެ. އެކަމާ މެދު ހައި ކޯޓުން މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.
ރައީސް ޔާމީންގެ ވަކީލުން ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ ބޭރުން ކުރެވުނު ހުކުމެއްކަމަށެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމީން ޖަލަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގައެވެ. އެ ފަހުން އެމަނިކުފާނު ގެންދަވަނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ.