ފަތުރުވެރިއަކާ ބަދުއަހްލާގީ އަމަލު ހިންގަން އުޅުނު މައްސަލާގައި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ހުދުރަންފުށި ރިސޯޓުގައި ފަތުރުވެރިޔަކާ ބަދުއަހްލާގީ އަމަލު ހިންގަން އުޅުނު މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ރިޕޯޓް ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 22:58 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް، އަދި މިހާތަނަށް މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަތުރުވެރިއަކާ ބަދުއަހްލާގީ އަމަލު ހިންގަން އުޅުނީ އެ ރިސޯޓުގެ މުވައްޒަފެކެވެ. މި މައްސަލާގައި ހިމެނޭ ފަތުރުވެރިޔާ އަކީ ކަޒަކިސްތާންގެ ފަތުރުވެރިއެއް ކަމަށާއި އޭނާ ރާއްޖެ އައީ ޗުއްޓީއެއް ހޭދަކޮށްލަން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަަތަކާއި ކުދިން ރޭޕް ކުރާ މައްސަލަަތައް މިދުވަސްކޮޅު މިއަންނަނީ ފެންމަތިވަމުންނެވެ. މިފަދަ މައްސަލަތައް ރިޕޯޓުކުރާ ފަރާތްތައް ގިނަވަމުން ދާކަން ވެސް ވަނީ ފާހަގަވެފައެވެ.