ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް އަނިޔާވެރިކަން އިސްނުކުރައްވާތީ، މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަށް ޝުކުރު އަދާކުރައްވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު ޖަލުގައި އަމަލު ކުރެވެމުން ދަނީ އަނިޔާވެރިކޮށް ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާ ގުޅިގެން ރައީސް ޔާމީން ޖަލުގައި ހުންނެވި ހާލަތު ބަޔާން ކޮށްދެއްވުމަށް މިނިސްޓަރު އިމްރާން ވަނީ ޓްވީޓެއް ކުރައްވާފައެވެ.
އެ ޓްވީޓް ރީޓްވީޓް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އަނިޔާވެެރިކަމާއި ބަދަލުހިފުން އިސް ނުކުރައްވާތީ މިނިސްޓަރު އިމްރާނަށް ޝުކުރު ދަންނަވާ ކަމަށެވެ.
އިމްރާންގެ ޓްވީޓްގައި ވަނީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މއ، ކާމިނީހުޅަނގުގޭ އަބްދުﷲ ޔާމީން، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދާއި، ރައީސް މައުމޫން އަބުދުލްގައްޔޫމް "ނުހައްގުން" ބަންދު ކޮށްފައިވާ ބެހެއްޓި ތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށް ފަހު އެ ތަނުގައި ކަމަށެވެ.
އިމްރާންގެ ޓްވީޓްގައި މައުމޫނާއި، ނަޝީދަށް މުހާތަބު ކުރެއްވީ ރައީސްގެ ނަންފުޅު ކުރިއަށް ލައްވައިގެނެވެ. ނަމަވެސް ރައީސް ޔާމީނަށް މުހާތަބު ކުރެއްވީ ރައީސް މި ލަފުޒު ބޭނުން ނުކުރައްވައެވެ.
އެޓްވީޓާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ރައްދުދެއްވާފައެވެ. އޭނާ ވިދާޅުވީ އަބުދުﷲ ޔާމީނަކީ ވެސް ރާއްޖޭގެ ކުރީގެ ރައީސެއް ކަމަށެވެ.
"ދެ ރައީސުންނަށް 'ރައީސް' ލާފަ، ނަމަވެސް ޔާމީންގެ ނަންފުޅުން ރައީސް ކަނޑާލީ ކީއްވެ؟ ރައީސް ޔާމީނަށް ހުކުމް ކޮށްފައި ވަނީ ބޭއިންސާފުން، އެމަނިކުފާނު މިނިވަން ކުރަންޖެހޭ،" ޝަހީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.
ޝަހީމްގެ އެޓްވީޓަށް ވަނީ ބައެއް ފަރާތްތަކުން ރައްދުދެއްވައި އިމްރާން ދިފާއު ކުރައްވާފައެވެ. އެޓްވީޓްތަކަށް ރައްދުދެއްވައި ޝަހީމް ވިދާޅުވީ އިމްރާންގެ ޓްވީޓްގައި ތިން ރައީސުންނާއި މުހާތަބު ކުރެއްވި ގޮތުންވެސް ޖަލުގައި ތަފާތު ކުރުން އޮންނާނެކަން ދޭހަކޮށްދޭ ކަމަށެވެ.