ދާދިފަހުން ގއ. ކަނޑުހުޅުދޫގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެކުއްޖާގެ ބައްޕައާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ވަޓްސްއަޕް ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން މިރޭ ބުނީ ދެކުނުގެ ރަށެއްގައި ދެ އަހަރުން ދަށުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހިމެނޭ އެއްވެސް މީހަކާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒްއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ބަޔަކު ފަތުރާފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިފަދައިން ބުނެފައިވާއިރު އޭސީޕީ ރިޔާޒު ވެސް ވަނީ އެކަން މީގެ ދުވަސްކޮޅެއް ކުރިން ދޮގުކުރައްވައިފައެވެ. އެގޮތުން އޭސީޕީ ރިޔާޒު އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ކުއްޖާގެ ބައްޕައަކީ އޭސީޕީ ރިޔާޒުގެ ކުޑައިރުގެ ރައްޓެއްސެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ ކަމަށާއި އެހެންނަމަވެސް އެމީހާއާއި އޭސީޕީ ރިޔާޒާ އެއްވެސް ގުޅުމެއް އެއްވެސް އިރެއްގައި ނޯންނާނެ ކަމަށެވެ. އަދި އެމީހާއަށް އޭސީޕީ ރިޔާޒު ހިމާޔަތް ދެއްވި ކަމަށް ދެކެވޭ ވާހަކަތައްވެސް ރިޔާޒު ވަނީ ދޮގު ކުރައްވާފައެވެ.
އޭނާ ވިދާޅުވީ އެފަދަ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަމުން ގެންދަނީ އޭނާ މަސައްކަތް ކުރައްވާ ދާއިރާގެ ސަބަބުން ކަމަށެވެ. އަދި މީގެކުރިން އެ ތުހުމަތުތަކަށް އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންވެވަޑައި ނުގަތީ ވެސް އެކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމުގައި އެންމެ ފަހުން އެއްޗެއް ވިދާޅުވާން ޖެހިވަޑައިގަތީ އެ ވާހަކަތަކުގެ ސަބަބުން ރިޔާޒުގެ އާއިލާއަށް ކުރިމަތިވެދާނެ ހިތާމައާ ނުރައްކަލުގެ ސަބަބުން ކަމަށާއި އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރި ކުއްޖާގެ ބައްޕައަށް ފުލުހުން ކުރަނީ އިހުމާލުވުމުގެ ތުހުމަތެވެ. އަދި އެ މައްސަލާގައި ކުއްޖާއަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ކުއްޖާގެ ކާފައާއި މުނިކާފައެވެ.