ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކު މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާއި ގުޅިގެން ދިވެހިން އެންމެ ގިނައިން ތައުލީމު ހާސިލް ކުރަމުން އަންނަ ގައުމުތަކުގައި ތިބި ދަރިވަރުންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮރާނާ ވައިރަހާއި ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި ބޭރު ގައުމުތަކުގައި ތިބި ކިޔަވާ ކުދިންގެ ހާލަތުވެސް ގާތުން ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން އެ މިނިސްޓްރީން ބުނީ ޗައިނާގައި ތިބި ކިޔަވާ ކުދިން ކޮންސިއުލާގެ ނަންބަރަށް ގުޅުމަށް އިލްތިމާސް ކުރާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. އޭގެއިތުރުން އެހެން ގައުމުތަކުގައި ތިބި ކިޔަވާ ކުދިންވެސް ކޮންސިއުލާއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މިއުސަމް މުހައްމަދު "ދަޕްރެސް"އަށް މިއަދު ވިދާޅުވީ ކޮންސިއުލާ އޮފީހާވެސް ގުޅައިގެން ދަރިވަރުންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ކޮރޯނާ ވައިރަސް ފެނިފައިވާ ގައުމުތަކުގައި ތިބި ކިޔަވާ ކުދިންގެ ހާލަތުވެސް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް މިއުސަމް ވިދާޅުވިއެވެ.

ހަޔާ އެޑިއުކޭޝަނުން މިފަދައިން ބުނެފައިވާއިރު ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީގައި ތާށިވެފައިތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭން ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ ވަނީ ޗައިނާގެ ފޮރިން މިނިސްޓްރީން މިހާރު އެގައުމުގައި ތިބި އެހެން ގައުމުތަކަށް ނިސްބަތްވާ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

މީގެ އިތުރުން އެދަރިވަރުން ކިޔަވަމުން އަންނަ ޔުނިވާސިޓީތަކާއި ގުޅިގެން އެކުދިންގެ ހާލުބަލައި ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ވުހާންގައި ކިޔަވަމުން ގެންދާ 6 ދިވެހި ދަރިވަރުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ބާރު މިނެއްގައި ކުރަމުން އަންނަ ކަމަށެެވެ. އެހެން ނަމަވެސް އެ ސިޓި ކަރަންޓިން ކޮށްފައި އޮތުމުން އެކަން ވާނީ ބޮޑު ގޮންޖެހުަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިން އެންމެ ގިނައިން ކިޔަވަން ގޮސް އުޅޭ މެލޭޝިޔާ އަދި އޮސްޓްރޭލިއާއިން ވެސް ކޮރޯނާ ވައިރަސް މިހާރު ވަނީ ފެނިފައެވެ.