ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ޒިންމާދާރުކަމާ އެކު ވަޒީފާ އަދާނުކުރެއްވޭ ނަމަ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވަން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ގޮވާލައްވައިފިއެވެ.
ހަސަން ލަތީފު މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ އަންހެން ކުދިން ހިތާނުކުރުމާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީގައި ރައުޔަކަށް އެދިފައިވާ މައްސަލައާ ގުޅިގެންނެވެ.
އަންހެނުން ހިތާނު ކުރުމާ ބެހޭ ވާހަކަ ތިލަވެފައި ވަނީ، އިސްލާމިކް މިނިސްޓްރު ޑރ. އަހްމަދު ޒާހިރު އަލީ، ފަތުވާ މަޖިލީހުގެ ރައީސް ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމަށް މިމަހުގެ ފަސްވަނަ ދުވަހު ފޮނުއްވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެ ސިޓީގައި އެދިފައި ވަނީ އަންހެނުން ހިތާނުކުރުމާ ގުޅޭ ރައުޔެއް ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުމަށެވެ.
އެ މައްސަލަ ހޫނުވުމުން، މިނިސްޓަރު އަމީން ވަނީ އެޗްޕީއޭއަށް މެމޯއެއް ފޮނުވައި އެ ސިޓީ ބާތިލު ކުރައްވާފައެވެ. މިނިސްޓަރު އަމީން އެ މެމޯގައި ވިދާޅުވީ އަންހެން ކުދިން ހިތާނަ ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ސަރުކާރުން ހިތްވަރު ވެސް ނުދޭ ކަމަށެވެ.
މިނިސްޓަރު އަމީންގެ ވާހަކައަށް ރައްދު ދެއްވައި ހަސަން ލަތީފް މިއަދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސައްކަތް ކުރަން އެނގޭ ބައިވަރު މީހުން އެބަތިބި ކަމަށާއި އެގޮތަށް ޒިންމާދާރުކަމާ އެކު މަސައްކަތް ނުކުރެއްވޭ ނަމަ އަމީން އިސްތިއުފާ ދެއްވުމަށެވެ.
އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ކުރީގެ ރައީސް މައުމޫން ވިދާޅުވެފައި ވަނީ އަންހެނުން ހިތާނު ކުރަންޖެހޭ އެއްވެސް ހަމައެއް ދީނުގައި ނޯންނާނެ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އަންހެން ކުދިން ހިތާނު ކުރުމަކީ ޖިންސީ ގޯނާއެއް ކަމަށާއި އެފަދަ ކަންކަމަށް ހިތްވަރު ދޭނަމަ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އަންހެނުން ހިތާނު ކުރުމަކީ، ކުރިން ރާއްޖޭގައި ކޮންމެވެސް ވަރަކަށް ކުރަމުން ގެންދިޔަ ކަމެކެވެ. ނަމަވެސް އެކަން ކުރުމުގެ ރަނގަޅު، ނުރަނގަޅު ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އަންހެނުން ހިތާނު ކުރުމަކީ ސިއްހީ ގޮތުން، އެކި މައްސަލަތައް ދިމާވާ ކަމެއްވެސް މެއެވެ.