ރާއްޖޭގައި މިހާރު ކުރަމުންދަނީ ގާނޫނު އަސާސީއަށް ވެސް ބާރު ނުފޯރާވަރުގެ ބަދަހި ވެރިކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދެމެދަށް ގާނޫނު އަސާސީއަށްވެސް ބާރު ނުފޯރުވޭ ކަމަށެވެ. އަމުރުތައް އަންނަވާ ދިމާ ހުދު އެ ދެބޭފުޅުންނަށް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމަކީ ރައީސް ސޯލިހަށް ކަމުދާ ކަމަކަށްވީ ނަމަވެސް ރައްޔިތުންނަށް އެކަމެއް ކަމަކު ނުދާނެ ކަމަށެވެ. އާދަމް ޝަރީފު މިފަދައިން ވިދާޅުވެފައި މިވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެންކުއްޖަކު ރޭޕް ކުރި މައްސަލާގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން އެމައްސަލަ ދިރާސާ ކުރުމަށްފަހު ހަތް ކަމެއް ތަންފީޒު ކުރުމަށް ޖެންޑާ މިނިސްޓްރީއަށް އަންގާފައިވާތީއެވެ. އެގޮތުން މަޖިލީހުން ވަނީ ހަތް ކަމެއް ތަންފީޒު ކުރުމަށް އަންގާފައެވެ.

މަޖިލީހުން ޖެންޑާއަށް ތަންފީޒުކުރުމަށް އަންގާފައިވާ ބައެއް ކަންތައްތައް:

• ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަހެއްގެ ތެރޭގައި އެކުލަވާލައި އެކަން މަޖިލީހަށް އެންގުން

• ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަތުމަށް އެކުލަވާލާ މިންގަނޑުތަކުގެ އަލީގައި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުގައި މިހާރު ހުރި މައުލޫމާތު ދިރާސާކޮށް، 7 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް މިފަދަ އާއިލާތައް ދަފްތަރުކޮށް މިފަދަ އާއިލާތައް ގަވާއިދުން މޮނިޓާކުރާނެ ނިޒާމެއް އެކުލަވާލުން

• ސިޓީ ކައުންސިލުތަކާ، އަތޮޅު ކައުންސިލުތަކާ އަދި ރަށު ކައުންސިލުތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިނުވާ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމަތު ދެނެގަނެ، 30 ދުވަހުގެ ތެރެގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައްޗަށް އެކުލަވާލާ ދަފްތަރުގައި މި މައުލޫމާތު ހިމެނުން.

މަޖިލީހުން މިގޮތަށް ނިންމާފައި ވާތީ ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމުގައި ކުރިން ހުންނެވި އަހުމަދު ހައިލަމްވެސް ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރުތަކަށް ރައްޔިތުންގެ މަޖިލީހުން އަރައިގަތުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ.