ބ. ކަމަދޫ ފެނަކައިގެ މުވައްޒަފަކު އެރަށުގެ ކަރަންޓު ބިލްތައް އަމިއްލައަށް ބޮޑުކޮށްގެން، އެ ފައިސާ ބޭނުންކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓް ބިލްތައް ބޮޑުކޮށްގެން ފައިސާ ބޭނުން ކޮށްފައިވަނީ ފެނަކައިގެ އިދާރީ މުވައްޒަފެކެވެ. އެގޮތުން ފެނަކައިގެ ފައިސާއާ ބެހޭ އިދާރާގައި އިންނަ އަންހެން މީހާ އެކަން ކުރާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ. އަދި އެގޮތަށް ލައްކައަކަށް ވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާނެ ކަމަށްވެސް އެރަށުގެ ބައެއް މީހުން ވަނީ ތުހުމަތުކޮށްފައެވެ.

އެކަމާ ގުޅިގެން ކަމަދޫގެ ގިނަ ބަޔަކު މިއަދު މެންދުރު ފަހު ވަނީ، ކައުންސިލް އިދާރާއަށް އެއްވެފައެވެ. އެގޮތުން ކަރަންޓް ބިލްތަކުގައި ގޭގެއަށް ފޮނުވާ ކަރަންޓު ބިލާއި، ފެނަކަ އޮފީހުގެ ސިސްޓަމުގައި ހުންނަ ބިލާ ދިމާ ނުވާ ކަމަށް އެރަށުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

ކަރަންޓު ބިލްތައް އަމިއްލައަށް ބޮޑުކޮށްގެން، އެ ފައިސާ ބޭނުންކުރާ މައްސަލަ ފެންމަތިވެފައިވަނީ ފެނަކައިގެ ފައިސާއާ ބެހޭ އިދާރާގައި އިންނަ އަންހެން މީހާ ޗުއްޓީއަށް ދިޔަ ދުވަސްތަކުގެ ތެރޭގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި ފެނަކަ މައި އޮފީހުން އެ މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެމައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެއޮފީހުން ހާމައެއް ނުކުރިއެވެ.

ކަރަންޓު ބިލްތައް އަމިއްލައަށް ބޮޑުކޮށްގެން، އެ ފައިސާ ބޭނުންކުރާ މައްސަލަ ފެންމަތިވެފައި ވާއިރު، އެރަށުގެ ރައްޔިތުން ކަރަންޓް ބިލް ބޮޑުވެގެން ޝަކުވާ ކުރާތާ ދުވަސްތަކެއް ވަނީ ވެފައެވެ.