ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް އާ ސީޕްލޭން ޓާމިނަލް ދޭން ދެކޮޅު ހެދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސް ދެ ބޭފުޅަކު މަގާމުން ވަކިކޮށްފައިވާ ކަމަށް މީޑިއާތަކުގައި ފަތުރަމުން ދަނީ ދޮގު ވާހަކައެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްއޭސީއެލްއިން "ދަޕްރެސް"އަށް މިއަދު ބުނީ އެފަދަ އެއްވެސް ކަމެއް އެ ކުންފުނީގެ ތެރޭގައި ހިނގާފައި ނުވާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކަމުން ގެންދާ ފަރާތްތައް "ލަދު" ގަންނަން ޖެހޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ. އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ޓީއެމްއާއަށް ސީޕްލޭން ޓާމިނަލް ދިނުމަށް މި ދެ ބޭފުޅުން ދެކޮޅުހަދާފައި ވާތީ މަގާމުން ވަކިކޮށްފައިވާ ކަމަށާއި މަގާމުން ވަކި ކުރީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ. މަގާމުން ވަކިކޮށްފައިވަނީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި ހާމިދު ރިޒާ އާއި އެ ކުންފުނީގެ ޖެނެރަލް މެނޭޖާ ކޮމާޝަލްގެ މަގާމުގައި ހުންނެވި މުޖުތަބާ ލަތީފް އެވެ.
ވެލާނާ އިންޓްނޭޝަނަލް އެއާޕޯޓުގައި އަލަށް ބިނާކުރަމުންދާ ސީޕްލޭން ޓާމިނަލްގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތި ކުރީ މީޑިއާއިންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި އެއްވެސް ވަރަކަށް ކޮރަޕްޝަން އެކުލެވިގެންވާ ކަމަށް ވާނަމަ އެކަން ކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް މަޖިލިސް މެންބަރު ޔައުގޫބު ވަނީ ވިދާޅުވެފައެވެ.
ޔައުގޫބު ވިދާޅުވީ އެމްއޭސީއެލްގެ ސީޕްލޭން ޓީއެމްއޭ އަށް ވަރަށް އަވަހަށް ހަވާލުކުރާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެތަން ޓީއެމްއޭއަށް ހަވާލުކޮށްފި ކަމަށްވާނަމަ އެކަމެއް ކުރި ބަޔަކު ޖަވާބުދާރީ ކުރުވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށާއި ސީޕްލޭން ޓާމިނަލްގެ މައްސަލަ މާލިއްޔަތު ކޮމެޓީން ބަލާ ފިޔަވަޅު އަޅާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން ނިންމާފައިވާ ކަމަށްބުނެ އެކަމާއި ދެކޮޅަށް އަޑުއުފުލި އެމްއޭސީއެލްގެ އިސް ދެ މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފައިވާއިރު އާ ސީޕްލޭން ޓާމިނަލްގެ ޖާގަތައް ކުއްޔަށްދިނުން އެމްއޭސީއެލްއިން ވަނީ މަޑުޖައްސާލާފައެވެ. ބުނެފައި ވަނީ އާ ސީޕްލޭން ޓާމިނަލް އާއި ވީވީއައިޕީ އިމާރާތް ހިންގާ ބަލަހައްޓާނީ އެކުންފުނިން ކަމަށެވެ. ނަމަވެސް އެކި އެކި ސީޕްލޭން އޮޕަރޭޓަރުންގެ އޮޕަރޭޝަން ހިންގާނީ، އޮޕަރޭޝަނަށް ބޭނުންވާ ޖާގަ އެޓާރމިނަލްއިން ކުއްޔަށް ހިފައިގެން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުންފުންޏާއި ސީޕްލޭން އޮޕަރޭޓަރުންނާއި ދެމެދު ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް މަޝްވަރާތަކެއް ކުރެވުނު ކަމުގައި ވީނަމަވެސް މިހާތަނަށް އައި އިރު، އެއްވެސް އޮޕަރޭޓަރަކާއެކު އާ ސީޕްލޭން ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް އެއްބަސްވެވިފައެއްނުވާ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތިން މިވަގުތު އެ މަޝްވަރާތައް މަޑުޖައްސާލާފައިވާ ކަމަށް ވެސް އެމްއޭސީއެލްއިން ބުންޏެވެ.