ހައިކޯޓްގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުކޫލީ މައްސަލަ ބަލަން ތަހުގީގު ކޮމެޓީއެއް އެކުލަވާލައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ ކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލުވުމުގައި އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަ ބަލަން ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
ފަނޑިޔާރު ޝުޖާއު އިތުރުން ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރާއި ފެމިލީ ކޯޓްގެ ގާޒީ އަބްދުﷲ އަދީބުގެ މައްސަލަ އެ ކޮމެޓީން ތަހުގީގު ކުރާނެއެވެ.
ޝުޖާއު އުސްމާނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން ދަނީ ސީދާ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް އެ ކޮމިޝަނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ޝުޖާއު އުސްމާނާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައެވެ.
އެ މައްސަލައަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޚިޔާނާތުގެ މައްސަލައެއްގައި ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ހުކުމް ކުރެއްވީ ޗުއްޓީގައި ހުންނަވައިގެން ކަމަށް ބުނެ ހުށަހެޅި އެ ފަނޑިޔާރުގެ ސުލޫކީ މައްސަލައެކެވެ. ހަމައެއާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެމްޕޭން ކޮށްދިން މައްސަލައެއް ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
ސުޖާއު އުސްމާނަކީ ސިޔާސީ ބޮޑެތި މައްސަލަތައް ދަށުކޯޓްގަ އާއި ހައިކޯޓްގައި ވެސް ބައްލަވައި ހުކުމް ކުރައްވާފައިވާ ފަނޑިޔާރެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ބެންޗްގައި ވެސް އޭނާ ހިމެނިވަޑައިގެންނެވިއެވެ.
ސުޖާއު ހައިކޯޓްގެ އިސް ފަނޑިޔާރަކަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ އޭރު ހައިކޯޓްގެ އިސްފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުންނެވެ.