ހޮންގްކޮންގްގެ ބަޖެޓް އެއާލައިންއަކުން އެމެރިކާއަށް ދަތުރުކުރަން އުޅުނު އަންހެން ފަސެންޖަރަކު މާބަނޑުތޯ ބެލުމަށް، ވަގުތީ ނަތީޖާ ލިބޭ ޓެސްޓެއް ކުރުވަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
އުމުރުން 25 އަހަރުގެ އަންހެން މީހާ އެކަހެރިކޮށް، ފާހާނާއަށް ގެންދިއުމަށްފަހު ޓެސްޓުގެ ނަތީޖާ 'ނެގެޓިވް'ކޮށް ދެއްކުމުން މެނުވީ ފްލައިޓަށް ނޭރުވޭނެކަމަށް އެއާލައިންއިން ބުނި ކަމަށް އެމީހާ ވަކާލާތު ކުރެއެވެ. އަދި މިއީ އިންތިހާއަށް ލަދުގަތް ކަމެއް ކަމަށްވެސް އެމީހާ ވަނީ ބުނެފައެވެ.
ހޮންގްކޮންގްގެ އެއާލައިންއިން މިފަދަ ގޮތަކަށް އަމަލުކުރަމުންދާކަމަށް އިއުތިރާފުވެ، އެއާލައިންވަނީ އެކަމުން ކުރިމަތިވި ނުތަނަވަސްކަމަށް މައާފަށް އެދިފައެވެ. އަދި އެފަދަ ޓެސްޓްތައް ހަދުވަނީ، އެމެރިކާއަށް ދަތުރުކުރާއިރު އެއްވެސް ވަރަކަށް އެމެރިކާގެ އިމިގްރޭޝަން ގާނޫނުން ބޭރުން ކަމެއް ހިންގާފާނެ ހުރިހާ ކަމަކުން ދުރުވުމަށް ކަމަށް ބުނެ އެއާލައިންއިންވަނީ ދިފާއަށް ވާހަކަދައްކާފައެވެ.
މި އެއާލައިންއަކީ 2019 ވަނަ އަހަރު ޖުލައިމަހުގެ ތެރޭގައި ކެތޭ ޕެސިފިކްއިން ގަނެފައިވާ ހޮންގްކޮންގް އެކްސްޕްރެސް އެއާވޭ ލިމިޓަޑްއެވެ. މި އެއާލައިންއިން ބަނޑުބޮޑުތޯ ބަލަން ޓެސްޓް ހަދަން ދެނީ، ބަލާބެލުމަށް މާބަނޑު ކަމަށް ޝައްކުކުރެވޭ މީހުންނަށެވެ.