ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެމެދަށް ވަންނަ މީހުން ތިބީ ޕީޕީއެމްގައި ނޫން ކަމަށާއި އެ މީހުން ތިބީ ސަރުކާރުގެ ތެރޭގައި ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަމްގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު އޮންނަނީ ވަރަށް ހަރުދަނާ އެކުވެރިކަމުގެ ގުޅުމެއް ކަމަށާއި އިދިކޮޅު ކޯލިޝަނުން އެކަމުގެ ތެރެއަށް ކިތަންމެ ވަރަކަށް ވަންނަން އުޅުނު ކަމުގައި ވީނަމަވެސް އެކަން ނުކުރެއްވޭނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި އާދަމް ޝަރީފް ވިދާޅުވީ ޕީޕީއެމާއި ޕީއެންސީން ދެ ރައީސުންގެ ދެމެދަށް ވަންނާކަށް ނުޖެހޭ ކަމަށާއި އެކަން ކުރާ މީހުން ތިބީ ވެސް ސަރުކާރުގެ ތެރޭގައި ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މުހިންމީ ދެ ރައީސުންގެ ޑްރާމާ ބެލުން ނޫން ކަމަށާއި އެއަށްވުރެ ބޮޑަށް ސަރުކާރުން ކައުންސިލް އިންތިހާބަށް ފޯރުވާ ނުފޫޒު ކުޑަވާނެ ގޮތަކަށް މަސައްކަތް ކުރުން މާ މުހިންމު ކަމަށެވެ.

ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި އެ ދެ ބޭފުޅުން ދުވަހަކު ވެސް ދުރުނުކުރެވޭނެ ކަމަށެވެ. އަދި އެދެބޭފުޅުން ތިއްބެވީ އެކުއެކީގައި ކަމަށެވެ.

"އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް އިބޫ އެހުންނެވީ ރައީސް ކަމުގައި. އަޅުގަނޑު މިހިރީ ރައްޔިތުންގެ މަޖިލީހުގައި، އަޅުގަނޑުމެން މިތިބީކީ އަޅުގަނޑުމެން ދެމީހުންނަކީ ދުރު ކުރެވޭނޭ ދެމީހުންނެއް ނޫން، އައިސްބަލަ، ޕީޕީއެމުން ނިކަން އައިސްބަލަ، އަޅުގަނޑުމެން ދެމީހުންނާ ދިމާލަށް ނިކަން އައިސްބަލަ، އަޅުގަނޑުމެން ދެމީހުން މިތިބީ އެކީގައި،"
ނަޝީދު

އާދަމް ޝަރީފް ވަނީ ނަޝީދުގެ އިތުރު ވާހަކަތަކަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން އިދިކޮޅު ސިޔާސީ ޕާޓީ، ޕީޕީއެމާ ވާދަވެރިންގެ އެންމެ ބޮޑު ހުނަރަކީ ފިތުނަ ފަސާދަ އުފައްދާ ދޮގުހަދާ ދެބައޮޑުވުން ކަމަށާއި، ލާމަރުކަޒީ ނިޒާމެއް ހިންގުމަކީ އެބޭފުޅުންނަށް ކުރެވޭނެ ކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.

އެކަމަށް ރައްދު ދެއްވައި އާދަމް ޝަރީފް ވިދާޅުވީ ނަޝީދު "ގޮވަނީ ގުދޯގުދޯ" ކަމަށެވެ. އަދި އޭނާ ވަނީ ގިނަ ސުވާލުތަކެއްވެސް ކުރައްވާފައެވެ. އެގޮތުން ބޭރު ދުނިޔޭގައި ދިވެހިންގެ ނަން ހަޑިކޮށް ވެރިންނަށް އާޑަ ފުރައްސާރަ ކުރަން ދަސްކޮށްދިނީ ކޮންބައެއްތޯ ސުވާލު އުފެއްދެވިއެވެ. ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލީ ކޮންބައެއް ކަމާއި ސިފައިންނާއި ދިމާލަށް އަލިފާން ބޯޅަ އުކީ ކޮން ބައެއްތޯ ސުވާލު އުފައްދަވާފައި ވެއެވެ.

ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ވާދަވެރިން ދަންނަ ކަންތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އެއްވެސް ބަޔަކު ނުދަންނަ ކަމަކައިގެން އުޅެން ފަށައިފިނަމަ އެކަމުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަނަށް އެބަފެނޭ ޕީޕީއެމާއި އަޅުގަނޑުމެންގެ ވާދަވެރިން ވަރަށް ކުރިއަރާ މޮޅުވެފައިވާ ކަންތައްތައް، ފުރަތަމަ ކަމަކީ އަޅުގަނޑުމެންނާ ދިމާލަށް ލާދީނީއޭ ގޮވުން، އެއީ ރާއްޖޭގެ އެއްވެސް ބަޔަކު ގަބޫލުކުރާ ވާހަކައެއް ނޫން، އެބޭފުޅުންގެ އެންމެ ބޮޑު ހުނަރަކީ ފިތުނަ އުފެއްދުން، ފަސާދަ އުފެއްދުން، ދޮގުހެދުން، ދެބައޮޑުވުން، ގައުމެއް ހަލާކުވެގެންދާނޭ ހުރިހާ ސިފަތަކެއް އެބޭފުޅުންގެ ސިޔާސީ ހަރަކާތެއްގައި ދައްކަވަމުން ގެންދަވަނީ، ނަސްލީ އިމްތިޔާޒުގެ އެންމެހާ ސިފަތައް،" ނަޝީދު ވިދާޅުވެފައިވެއެވެ.