އަވަހަށް ތަރައްގީ ގެނެވޭނީ ތަރައްގީގެ ފިކުރާއި ވައްޓަފާޅި ހުރި ބަޔަކަށް ކަމަށް ވިދާޅުވެ، ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ދެއްވައިފިއެވެ.
ސައީދު މިގޮތަށް ވިދާޅުވެފައިވަނީ ރަށްރަށުގެ ތަރައްގީއަށް ރާވާފައިވާ މަޝްރޫއުތައް ހަލުވި ކަމާއެކު ކުރިއަށް ގެންގޮސް، ރައްޔިތުން އުންމީދުކުރާ ދުވެލީގައި ތަރައްގީ ގެނެވޭނީ ތިން އިންތިހާބު އެކުގައި ބޭއްވުމުން ކަމަށް ރައީސް ވިދާޅުވުމާއި ގުޅިގެނެވެ.
ސައީދު ވިދާޅުވީ އަވަހަށް ތަރައްގީ ގެނެވޭނީ ތަރައްގީގެ ފިކުރާއި ވައްޓަފާޅި ހުރި ބަޔަކަށް ކަމަށެވެ. އިންތިހާބްތައް އެއްކޮށް ބާއްވައި މުޅި ދައުލަތާއި ފަސް އަހަރުގެ ބަޖެޓް އެއްކޮށް ދިން ނަމަވެސް ހުސްވާނީ ބަޖެޓް ކަމަށް އޭނާ ވިދާޅުވިއެވެ.
ލޯކަަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންނަށްވީ ވައުދުތައް ފުއްދައިދިނުމަށް ސަރުކާރާ ރައްޔިތުންގެ މަޖިލިސް އޮތީ އެކުގައި، އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ބައެއް ކަންތައްތައް ކުރިއަށް ގެންދިއުން ކުޑަކޮށް ލަސްވެގެން ގޮސްފައިވާ ކަމަށާއި އެކަން އެގޮތަށް ދިމާވެފައިވަނީ ވަރަށް ގިނަ ސަބަބުތަކެއް މެދުވެރިވާތީ ކަމަށް ވިދާޅުވިއެވެ.
"އެންމެ ބޮޑު އެއް ސަބަބަކަށް އަޅުގަނޑަށް ފެންނަނީ އިންތިހާބުތައް ވަކިވަކިން އޮތުން، އަޅުގަނޑުމެން ވެއްޖެ ކޮންމެސް ހިސާބެއްގައި މި ތިން އިންތިހާބު އެއް ދުވަހެއްގައި އެއް ވަގުތެއްގައި ބޭއްވުމުގެ މަސައްކަތް ކުރަން، އެހެން ނޫންނަމަ ކަންތައްތައް ހިންގުމުގައި ލަސްތަކެއް އެބަ އާދޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ފަސް މަހަށްވުރެ ގިނަ ދުވަސް އުޅުއްވަން ޖެހިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަމަށް ވަގުތު ހުސްކުރައްވައިގެން ކަމަށެވެ. އެއީ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް އަގުލަބިއްޔަތު ހޯދަން ކޮންމެހެން ވެސް މަޖުބޫރުވުމުން ކަމަށެވެ.
މަޖިލިސް އިންތިހާބު ނިމުނުތާ ދިހަވަރަކަށް މަސް ފަހުން، މިހާރު ލޯކަލް ކައުންސިލް އިންތިހާބަށް ވަގުތު ހުސްކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.