އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަތަކެއް ގެނަސްދިނުމުގެ ގޮތުން އެސްޓީއޯއިން 3 ޕްރޮޑަކްޓެއް ރާއްޖޭގެ މާކެޓަށް މިއަދު ތައާރަފް ކޮށްފިއެވެ.

މީގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮޑަކްޓަކީ "ރެނާކޮން އޮޓޮކްލޭވް ކޮންކްރީޓް ބްލޮކް"އެވެ. ގޮނޑުދޮށުންނާއި ފަޅުތަކުން ވެލި ނަގައިގެން ރާއްޖޭގައި އާއްމުގޮތެއްގައި އުފައްދާ ގައު ނުވަތަ ސޮލިޑް ބްލޮކްތަކާއި ހިލާފަށް، ރިސައިކަލް ކޮށްފައިވާ ތަކެތިން އުފައްދާފައިވާ ތިމާވެއްޓާއި ރައްޓެހި މިއުފެއްދުމަކީ އިމާރާތުގެ ސްޓްރަކްޗާއަށް ކުރާ ހަރަދު ކުޑަކޮށްދީ، މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް އެހީތެރިވެދޭނެ ޕްރޮޑަކްޓެކެވެ.

ތާމަލް އިންސިއުލޭޝަން ހިމެނޭ، 2 ފޫޓު ދިގުމިނުގެ މިބްލޮކް ބޭނުންކޮށްގެން ހަދާ އިމާރާތްތަކުގެ ކަރަންޓަށް ކުރާ ހޭދަ 20 އިންސައްތައަށް ކުޑަކޮށްދެއެވެ.

ރެނާކޮން އޮޓޮކްލޭވް ކޮންކްރީޓް ބްލޮކާއިއެކު މި ބްލޮކް ބޭނުންކޮށްގެން ރޭނުމަށްޓަކައި ބޭނުންކުރާ "ރެނާބޮންޑް ޖޮއިނިން މޯޓަރ"ވެސް އެސްޓީއޯއިން މިއަދު ވަނީ ތައާރަފް ކޮށްފައެވެ. ސިމެންތިއާއި ވެލި އެއްކޮށްގެން އުފައްދާ މޯޓާތަކާއި ހިލާފަށް ރެނާބޮންޑް ޖޮއިނިން މޯޓަރަކީ، ބޭނުންވާ މިންވަރަށް ފެންއެޅުމަށްފަހު ވަގުތުން ބޭނުންކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެކެވެ.

ރާއްޖޭގެ ބާޒާރުގައި ހިމުންވެލި ލިބުމަށް ދަތިވެފައިވާތީ އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެސްޓީއޯއިން ވަނީ ރެޑީމިކްސް ޕްލާސްޓަރ ސޮލިއުޝަންއެއް ވެސް ތައާރަފް ކޮށްފައެވެ. "ރެނާޕްލާސްޓް ރެޑީމިކްސް ޕްލާސްޓާ"ގެ ނަމުގައި ތައާރަފް ކޮށްފައިވާ މިޕްރޮޑަކްޓް ބޭނުން ކުރުމުން، ހަރަދު ކުޑަ ގޮތަކަށް ޕްލާސްޓަރިންގގެ މަސައްކަތް ނިންމާލެވުމުގެ އިތުރުން އިމާރާތުގެ ފިނިޝިންގ އަށްވެސް އިތުރު ފުރިހަމަކަމެއް ގެނަސްދެއެވެ.

މާލެއާއި ހުޅުމާލޭގައި ރެޑީމިކްސް ކޮންކްރީޓްގެ ހިދުމަތް ފޯރުކޮށް ދިނުމުގެ އިތުރުން، އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް ބޮޑަށް ފާހަގަ ކުރެވިފައިވަނީ އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ މުހިއްމު އައިޓަމްތައް ވަރަށް ހެޔޮއަގުގައި އާއްމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައެވެ.