ފިލައިގެން އުޅޭ ބަންގާޅީން ކުއްޔަށް އުޅެމުން ދަނީ ހުޅުމާލެ ފޭސް 2 ގައި ހަދަމުންދާ ފްލެޓްތަކުގައި ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ބެހޭ ގޮތުން ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައި ހަދަމުންދާ ފްލެޓްތަކުގައި އުޅޭ ބިދޭސީން ފިލައިގެން އުޅޭ ބަންގާޅީންނަށް ކުއްޔަށް ދޭ ވާހަކައާއި ބޮޑެތި ޕްރޮޖެކްޓްތަކަށް ފިލައިގެން އުޅޭ ބަންގާޅީން ބޮޑެތި ގްރޫޕްތައް ހަދައިގެން މަސައްކަތު ދަނީ ހުޅުމާލެ ފޭސް 2 ސަރަހައްދުން ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރީކޯ މޫސަ ވިދާޅުވީ، ލ. އަތޮޅުގައި ހަދަމުންދާ ރަހާ ރިސޯޓުން 219 ބިދޭސީން ފިލައިގެން ގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފައި ވާނެ ކަމަށާއި އަދިވެސް އެއިން މީހަކު ނުހޯދޭ ކަމަށެވެ. ދެން އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެއިން ބަޔަކު ހުޅުމާލެ ފޭސް 2 ސަރަހައްދުން ފެނިފައިވާ ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކައިރިން ފިލައިގެން ގޮސް ތިބި ބަޔަކު އެތަނުން ފެނިއްޖެ. އަޅުގަނޑުމެން ލ އަތޮޅުގައި ހަދަމުންދާ ރަހާ ރިސޯޓުން ފިލައިގެން ދިޔަ 219 މީހުން ވާނީ ރިޕޯޓުކޮށްފަ. އެތަނުން އެކަކުވެސް އަދިވެސް ނުހޯދޭ. ދެން އަޅުގަނޑުމެން ހޯދަމުންދިޔަ އިރު އެ ސަރަހައްދުން އެތަނުން ބައެއް މީހުން ވަނީ ފެނިފަ"
ރީކޯ މޫސަ

ރީކޯ މޫސަ ވަނީ މީގެ ކުރިންވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ބެހޭ ގޮތުން ޓްވީޓް ކުރައްވާފައެވެ. އެ ގޮތުން ފިލައިގެން އުޅޭ ބިދޭސީން ހޯދާ ހަމަމަގަށް އަޅުވަން ފެށި މަސައްކަތުގައި ބޯޅަ ދަނޑަށް ނުކަތާވަރަށް މީހުން ޖަމާކޮށްފައި "ނަގޫ ރޯޅިއެއް" އަރާފައި ދިޔަހެން އެކަން ހިނދިފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.

ބޯޅަ ދަނޑަށް އެއްކުރިހާ މީހުން ކޮބާތޯ ސުވާލު އުފައްދަވަމުން ރީކޯ މޫސަ ވިދާޅުވީ، އެމީހުންނަކީ މާލެ ސަރަހައްދުގެ ކޮންމެވެސް ތަނެއްގައި ދިރިއުޅޭ ބައެއް ކަމަށާއި މާލޭގައި ވެސް މިހާރު މީހުން ދިރިއުޅޭނެ ތަންކޮޅެއް ނެތިގެން އުޅޭ އިރު ފިލައިގެން އުޅޭ އެހާ ބައިވަރު ބިދޭސީން އުޅޭ ތަނެއްވެސް މިނިސްޓްރީން ބަލަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލެޓްތައް ހަދަން އުޅޭ މީހުން އެތަން ކުއްޔަށް ހިފާފަ އެތަންތަން ފިލައިގެން އުޅޭ މީހުންނަށް މި ދެނީ. ފިލައިގެން އުޅޭ ބިދޭސީން އެކި ކުންފުނިތަކުގެ ޕްރޮޖްކެޓްތަކުގައި އެބަ މަސައްކަތް ކުރޭ."
ރީކޯ މޫސަ

ބަންގާޅީން އަމިއްލައަށް އުޅެނީ ބޮޑެތި ޕްރޮޖެކްޓްތަކަށް މަސައްކަތް ކުރާ ގްރޫޕްތައް ހަދައިގެން އެ ގްރޫޕްތަކުގައި މިގޮތަށް ނުގަވާއިދުން އުޅޭ ބިދޭސީން އުޅޭ ކަމަށާއި އެމީހުން އުޅެމުންދަނީ ދިވެހިންނަށް ހަދަމުންދާ ފްލެޓްތަކުގެ ނިމި އަދި ނުނިމި ހުރި ތަންތަނުގައި ކަމަށާއި އެ ތަންތަނުގައި އެނދު ބަހައްޓައިގެން ކައިބޮއެގެން ދިރިއުޅެމުންދާ ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ، ޗައިނާއިން ފްލެޓްތައް ހެދުމަށް ކޮންޓްރެކްޓް ހަދާފައި އެމީހުން ރާއްޖެއައިސް ފްލެޓްތައް އަޅަން ފަށާއިރު މި ގައުމުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އުޅޭ ކަން އެނގުމުން ޗައިނާއިން މީހުން ގެނައުމުގެ ބަދަލުގައި އެ ބިދޭސީން ގެންގޮސްގެން މަސައްކަތް ކުރާ ކަމަށެވެ. ޗައިނާ މީހުން ކޮންޓްރެކްޓް ނަގާފައި ސަބް ކޮންޓްރެކްޓްގެ ދަށުން ބިދޭސީން ކޮންޓްރެކްޓް ނަގައިގެން މަސައްކަތް ކުރާ ކަމަށާއި، މިއީ ބަންގާޅީން ފިލައިގެން ތަންތަނަށް ދާން މެދުވެރިވާ އެއް ސަބަބު ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖުގެ ދަބަރު ފިލުވުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައި ހަދަމުންދާ ފްލެޓްތަކުގެ ތެރޭގައި މަސައްކަތް ކުރާ ބިދޭސީން، ފިލައިގެން އުޅޭ ބަންގާޅިންނަށް އެތަން ކުއްޔަށް ދީގެން އުޅޭ ކަން އެނގިވަދައިގެންފައި ނުވާ ކަމަށެވެ. އަދި އެފަދަ ޝަކުވާއެއްވެސް އެފަރާތަށް ލިބިފައި ނުވާ ކަމަށް ސުހައިލް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ފަށާފައިވާ އިރު އެއީ މި ސަރުކާރުން ކުރާ ވަރަށް ރަނގަޅު ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ދެކެމުންނެވެ. އެގޮތުން ރީކޯ މޫސާ މަނިކު މީގެ ކުރިން ވިދާޅުވެފައި ވަނީ ފިޔަވަޅު އެޅުމަކީ މި ސަރުކާރުން ކުރާ ވަރަށް ރަނގަޅުކަމެއް ކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީ ޕްރޮޖެކްޓްތަކަށް މަސައްކަތް ކުރަން ގެނައުމުން ފިލައިގެން ގޮސް އިތުރަށް ބޮޑު މުސާރަ ހޯދުމަށް މަސައްކަތްކުރާ ބައެއް ކަމަށާއި، ނަމަވެސް އެމީހުންނަށް ސަރުކާރުން އެޅި ފިޔަވަޅަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުމަށް ހާއްސަ ހުއްދައެއް ދިނުން ކަމަށް ރީކޯ މޫސަ ވަނީ ވިދާޅުވެފައެވެ.

ބިދޭސީން ގާނޫނުގެ އިމުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީން ހިންގަމުންދާ ޕްރޮގްރާމަށް އެތައް ބަޔަކު ފާޑުކިޔަމުން އަންނަ އިރު ގާވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރަނގަޅަށް ބަލާ ތަހުގީގު ކުރަން ޖެހޭ މައްސަލައެއް ކަަމަށާއި އަދި އެ މައްސަލަ ބަލާ ތަހުގީގު ކުރުމަށް ފަހު އެކަމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް ކަމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

އިކޮނޮމިކް މިނސްޓްރީން އަދިވެސް ދަނީ ނުގަވާއިދުން އުޅޭ ބިދޭސީން އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ދަށުން ބިދޭސީން ރަޖިސްޓާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.