ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މި މަހުގެ 28 ވަނަ ދުވަހު ފަށަަން ހައި ކޯޓުން ތައާވަލުކޮށްފިއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފަށް ހުށަހެޅުމުން ހައި ކޯޓުން އޮތީ އެ މައްސަލަ ބަލައިގެންފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ އެމަނިކުފާނުގެ އިސްތިއުނާފު ޝަރީއަތް މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ހައި ކޯޓުން ތައާވަލް ކޮށްފައިވާ ކަމަށާއި އެކަން އެބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ. އަދި ޝަރީއަތް ތައާވަލް ކޮށްފައިވަނީ އެދުވަހުގެ 11:00 އަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތް ފަށަން ތައާވަލް ކޮށްފައިވާއިރު، އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށްދޭން އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އޮތީ އެދިފައެވެ. ނަމަވެސް މިހާތަނަށް އެމަނިކުފާނު ކާފާލާތުގެ ދަށުން ދޫކޮށްލުމާއި ގުޅޭ ގޮތުން ހައި ކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ.

ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން ދަށު ކޯޓުން ކުށް ސާބިތުވެފައިވާ މީހާ ވެސް އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން މިނިވަންކޮށް ދިނުމުގެ ބާރު އެ ކޯޓަށް ލިބިގެންވެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދެވި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އެކަމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިޝް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ކަފާލާތުގެ ދަށުން ދޫކޮށަލާފައެވެ.

މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލީ؛ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އަމިލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލެއްވުމުގެ ތުހުމަތުވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައެވެ.