އޮސްޓްރޭލިއާގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތަކުން އަރާ ދުން، ދުނިޔެ ވަށާ ދައުރުވުމަށްފަހު އެނބުރި އޮސްޓްރޭލިއާއަށް އަންނަން މާ ގިނަ ދުވަހެއް ދެން ނެތް ކަމަށް ނާސާއިން ބުނެފިއެވެ.

އޮސްޓްރޭލިއާގެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދުތަކުގައި އެތައް މަހެއް ވަންދެން އަނދަމުންދާ އަލިފާންގަނޑުތަކުން އަރަމުންދާ ދުންތައް ދަތުރުކުރަމުންދަނީ ޕެސިފިކް ކަނޑުގެ ސަރަހައްދަށެވެ.

އޮސްޓްރޭލިއާގައި ރޯވަމުންދާ ވަރުގަދަ އަލިފާންގަނޑުގެ ސަބަބުން ވިކްޓޯރިއާ ސަރަހައްދުގައި ދުން ބޯވެފަ/ފައިލް ފޮޓޯ: އީޕީއޭ

ނާސާއިން ބުނީ މިއަހަރުގެ ފުރަތަމަ ދުވަހު އޮސްޓްރޭލިއާއިން ބޭރުވި ދުންތައް ދެކުނު އެމެރިކާ މައްޗަށް އަރާ އުޑުމަތި ނުސާފުވި ކަމަށާ، ޖަނަވަރީ 8 ވަނަ ދުވަހާ ހިސާބަށް އާދެވުނުއިރު ދުނިޔޭގެ ވަށަމިނުގެ ދެބައިކުޅަ އެއްބައިހާ ރާސްތާ ކަޑަތުކޮށްފައިވާކަމަށެވެ.

އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)އިން ބުނީ، އޮސްޓްރޭލިއާއިން ބޭރުވަމުންދާ ދުން، ދުނިޔެ ވަށާ އެންމެ މަދުވެގެން 1 ފަހަރު ދައުރުވާނެ ކަމަށެވެ.

އޮސްޓްރޭލިއާއިން ބޭރުވަމުންދާ ދުންތައް ޖަނަވަރީ 5 ވަނަ ދުވަހު ނިއުޒީލަންޑް މައްޗަށް އަރާ މަންޒަރު، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަންއަށް ފެންނަ ގޮތް/ފޮޓޯ: ނާސާ

އޮސްޓްރޭލިއާއިން ބޭރުވާ ދުންތައް، ޖައްވުގެ 17.7 ކިލޯމީޓަރު އުސް މިނަށްވެސް އަރާފައިވާކަމަށާ، މި އުސްމިނަށް އަރާ ދުންގަނޑަކީ ދުނިޔޭގެ އެހެން ހިސާބުތަކަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ދުންގަނޑެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ދުންގަނޑުގެ ސަބަބުން ދުނިޔޭގެ ވައިގެ ހާލަތަށް އަންނަ ބަދަލުތައް ދިރާސާކުރަމުންނެވެ.

އޮސްޓްރޭލިއާއިން ބޭރުވާ ދުންތަކުގެ ސަބަބުން ދެކުނު އެމެރިކާއާއި ނިއުޒީލަންޑްގެ އުޑުމަތީގެ ކުލަތައް ބަދަލިވެފައިވާކަން ނާސާއިން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ނިއުޒީލަންޑްގެ ވައި ތަގައްޔަރުވުމުގެ މައްސަލަ ކުރިމަތިވެ، ފަރުބަދަމައްޗަށް ފައިބާ ސްނޯގެ ކުލަވެސް ބަދަލުވަމުން އަންކަން ނާސާއިން ފާހަގަކުރެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޮސްޓްރޭލިއާގައި ރޯވަމުންދާ އަލިފާންގަނޑުތަކުގެ އަދަދު 100 އަށްވުރެ މައްޗަށް އަރާފައިވާއިރު، މި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރާފައެވެ. އަލިފާންގަނޑުތަކުގެ ސަބަބުން 2000އަށްވުރެ ގިނަ ގެ އަނދާ، އަޅިއަށްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.