އައްޑޫ ސިޓީގައި ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫއަށް ފައިސާ ހަމަޖެހިއްޖެއެވެ.

އައްޑޫ ސިޓީގައި ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫއެއް ހިންގުމަށް އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އޭޖެންސީ (އައިރީނާ) މެދުވެރިކޮށް އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފް) އިން 14 މިލިއަން އެމެރިކާ ޑޮލަރު ރާއްޖެއަށް ލޯނު އެހީގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފައެވެ. އަދި އެކަން ރަސްމީކޮށް އޭޑީއެފުން އިއުލާން ކޮށްފައި ވަނީ މިއަދެވެެ.

މިކަން އިއުލާން ކުރެވުނީ މިހާރު އަބޫދާބީގައި ކުރިއަށްދާ އައިރީނާގެ ދިހަވަނަ އެސެމްބްލީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓާ އޮފް އެންވަޔަރަންމަންޓް ޑރ. ހުސައިން ރަޝީދު ހަސަނާއި، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ.ޙުސައިން ނިޔާޒް އަދި މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި ފެނަކަ ކޯޕަރޭޝަންގެ އިސްއޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރާ ކުނި މެނޭޖުކުރާ ސަރަހައްދީ މަރުކަޒަކީ، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ހުވަދު އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުގައި އުފެދޭ ކުނީގެ ތެރެއިން ތަބީއީގޮތުން ނެތި ފަނާވެދާ ކުނި ފިޔަވާ ކުނީގެ އެހެން ބާވަތްތައް މެނޭޖުކުރުމަށާއި އެކުނި އަންދައިގެން ކަރަންޓާއި ފެން އުފެއްދުމަށް އަމާޒުކޮށް އެކުލަވާލާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ޕްރޮޕޯސަލް ރާއްޖެއިން އައިރީނާއަށް ހުށައަޅާފައިވަނީ 2019 ވަނަ އަހަރުއެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައާއި ގުޅުންހުރި މަޝްރޫއުތައް ހިންގުމަށް އައިރީނާ އާއި އޭޑީއެފްޑީ ގުޅިންގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 350 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ތެރެއިން 2020 ވަނަ އަހަރު ވަނީ ޖުމުލަ 104.5 މިލިއަން އެމެރިކާ ޑޮލަރު 8 ގައުމަކަށް ދީފައެވެ. އައިރީނާ - އޭޑީއެފްޑް ޕްރޮޖެކްޓް ފެސިލިޓީގެ 7 ވަނަ ބުރުގައި 95 ގައުމަކުން ވާދަކޮށްފައި ވާއިރު، މީގެ ތެރެއިން މިއަހަރު ފައިސާ ހަމަޖެހިފައިވަނީ 8 ގައުމަކަށެވެ.